ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ހުއްދަ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށް ދޫކޮށްފައިވަނީ މިއަދު އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ހިދުމަތެކެވެ. ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދޫކުރި ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަކީ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރި ހަތަރުވަނަ ކުންފުންޏެވެ.
މި ރަސްމިއްޔާތުގައި ލައިސަންސްގެ ލިޔުން ސްޓާލިންކް އާ ހަވާލުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސް އާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއަ ޑިރެކްޓަ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޓާލިންކްގެ ހިދުމަތް ފަށާ ގައުމު ކަމަށެވެ. އެއީ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އިންޓަނެޓުގެ ހިދުމަތް ރަނގަޅުކުރުމަށް މި ސަރުކާރުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ސްޓާލިންކަށް ލައިސަންސް ދޫކުރެވެނީ ދޮޅު އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައި ކަމަށެވެ. މިހާރު ހުރި ހިދުމަތްތަކުގެ އިތުރުން ސެޓެލައިޓް މެދުވެރިކޮށް ދޭ ހިދުމަތެއް ލިބެން ފެށުމަކީ އިތުރު ޔަގީންކަމާ އެކު އިންޓަނެޓު ފޯރުކޮށްދެވޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްޕޭސް އެކްސްގެ ޑިރެކްޓަރު ރަޔާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިދުމަތް ދިނުމަށް އެ ކުންފުނި ތައްޔާރަށް އޮތް ކަމަށާއި ރާއްޖެ ފެންނަނީ ވަރަށް މުހިންމު މާކެޓެއްގެ ގޮތުގައި ކަމުގައެވެ.
ސްޓާލިންކް އިންޓަނެޓް ހިދުމަތުގެ މިހާރުވެސް 60 އަށް ވުރެ ގިނަ ގައުމަށް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވާ ރަޔާން ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަކަށް އެ ހިދުމަތް މުޅި ދުނިޔެއަށް ފުޅާކުރުން ކަމަށެވެ.