އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ރަށުގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ދެ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން ވަހީދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެ ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާ މެދު އޮންނަ ބިނާތަކަކަށްވާތީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި އެ މިނިސްޓްރީ އާ ހަވާލުކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ހއ. މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 8.08 މިލިއަން ރުފިޔާއެވެ. ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 10.19 މިލިއަން ރުފިޔާއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތްތަކަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތްތަކެއް ކަމުގައެވެ.