ads
ރަސްމާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ފެނަކަ
ރަސްމާދޫ ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
ރ. ރަސްމާދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރަސްމާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބުރާސްފަތި ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްމާދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގެ އާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 40 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 19 އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 75x40 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ ރަސްމާދޫގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ ކުއްޔަށް ނަގާފައިވާ އިމާރާތެއް ކަމަށެވެ. އެތަނުގައި މަސައްކަތް ކުރެވެނީ ފަސް މުވައްޒަފުންނަށް ކަމަށް ފެނަކައިން ބުނެއެވެ.

your imageރަސްމާދޫގެ 19 އަހަރުވީ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި ރަސްމާދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 106x45 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 33x49 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމެއް އަދި ސްޓޯރެއް ކަމަށާއި އޭރުގައި އޮފީހެއްގެ ގޮތުގައި ހުރީ ސްޓާފް އޭރިއާއަކާއި ސްޓޯރެއް ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފިއުލް ޓޭންކަކާއި ޗިމްނީއެއްގެ އިތުރުން ޕޭންޓްރީއެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމަކާ އަދި ސްޓޯރެއް ހިމެނޭ ކަމުގައެވެ.

your imageރަސްމާދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

ރަސްމާދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 653 ކިލޯވޮޓުން 795 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް