ads
އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ފްލެޓްތައް ކުއްޔަށް ދެވޭ ގޮތަށް ބަދަލުކުރެވިދާނެ: ފައްޔާޒް
ސަރުކާރުން ދިރިއުޅުމަށް ދޫކުރެވޭ ފްލެޓްތައް ކުއްޔަށް ދެވޭ ގޮތަށް ސިޔާސަތު ބަދަލުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް އަދި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ގައި ބޭއްވި އެމްޑީޕީގެ ހާއްސަ ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރުން ސަބްސިޑައިޒް ކޮށްގެން، ދޫކުރާ ފްލެޓް ތަކަކީ ދިރިއުޅުމުގެ ބޭނުމަށް، ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި ދޫކުރާ ފްލެޓްތައް ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހަދާ ފްލެޓްތައް ދެވެނީ، ލިބޭ ފަރާތްތަށް މުއްސަދިވާކަށް ނޫން ކަމަށެވެ.

 ފައްޔާޒް ވިދާޅުވީ، އެގޮތަށް ދޫކުރެވޭ ފްލެޓްތަކުގައި، ލިބުނު ފަރާތް ނޫން އެހެންފަރާތްތަކެއް ދިއިއުޅޭނަމަ، ނޫނީ ކުއްޔަށް ދޫކުރާނަމަ، ކޮންމެވެސް މިންގަޑެއްގެ ތެރެއިން އެކަން ކުރެވިދާނެގޮތަކަށް ސިޔާސަތު ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގަ އެބައޮތް ކަމަށެވެ.

 އެއީ، އެތަންތަނަށް ދެންވެސް ވަންނާނީ ހަމަ ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ މީހުންނަށްވާތީވެ، ބޯހިޔާވަހިކަން ހޯދުމަށް ވަންނަ މީހާ ދައްކަން ޖެހޭ އެއްޗަކީ، ކޮންމެވެސް މިންގަޑެއްގެ ތެރެއިން ކޮންޓްރޯލްވާން ޖެހޭ އެއްޗަކަށްވާންޖެހޭ އެއްޗެއްކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއާއެކު، އެފުރުސަތު އެގޮތަށް ހުޅުވާލާއިފިނަމަ، ދިރިއުޅުމަށް ކުއްޔަށްދޫކުރާ ފްލެޓް ލިބުނު ފަރާތަށް އެތަނުގައި ވިޔަފާރިއެއް ކޮށް އާމްދަނީއެއް ލިބުމުގެ ފުރުސަތުވެސް ފަހިވާނެކަމެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޑަ އަގުގައި މި ދެނީ އެބަޔަކު މުއްސަނދި ވާކަށް ނޫން، ރައްޔިތުންގެ ޓެކްސް ފައިސާގައި މިކަންކަން ކުރަނީ، އެބަޔަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި، އެބޭފުޅުން އެ އާމްދަނީއެއްގެ ގޮތަށް ބަދަލު ކުރާނަމަ އެ ފުރުސަތު އޮންނާނެ، އެހެން ނަމަވެސް ބޯހިޔާވެހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަން ޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި ވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން" ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.

މިހެންކަމުން ކުރިއަށް އޮތް ސަރުކާރުގައި، އެކަމަށް ވިސްނަވާ، ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު، ހުރިހާ އެއްމެންނަށް އެއްމެ ފައިދާހުރި ގޮތަކަށް އެކަން ނިންމަވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގައި، ފްލެޓް ލިބުނު ފަރާތްތައް ނޫން އެހެން ފަރާތްތަކުން ކުއްޔަށް އުޅުމަކީ އާބަންކޯ އިން ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިހާރުވެސް، ވަރަށް ގިނަ ފަރާތްތަކަކުން، ފްލެޓްތައް ލިބުނު ފަރާތްތަކުގެ އަތުން އެތަންތަން ކުއްޔަށް ނަގައިގެން ދިރިއުޅުމަށް ބޭނުންކުރާކަން ފާހަގަކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް