މާލެ ސަރަހައްދުން ތިލަފުއްޓަށް ކުނި ގެންދިއުމަށް އިންޑަސްޓްރިއަލް ޒޯނުގައި ގާއިމުކުރި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖް ކުރަން ހުރި ގޮންޖެހުންތައް ކަމަށެވެ. އެގޮތުން މާލެ ސިޓީއަކީވެސް ކުނި މެނޭޖްކުރުމުގެ ދަތި އުނދަގޫ މާޒީ އެއް އޮތް ރަށެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ސަރުކާރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ ރޭވުންތެރިކަމާ އެކުގައި ކަމަށެވެ. ތިލަފުއްޓަށް ގެންދާ ކުނިތައް އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި އެ ކުނިތައް ވަކިކޮށް، ޝްރެޑްކުރުމުގެ އިތުރުން ކުނިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މި ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ އަދި ފުރިހަމަ ހައްލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.