އެޗްޕީއޭއިން ބުނެފައިވަނީ "ޒީރޯ ލެޕްރަސީ" ނަމުގައި ތައާރަފް ކުރެވުނު ފްރޭމްވޯކަކީ 2019 ވަނަ އަހަރު ތައާރަފް ކުރެވުނު ފްރޭމް ވޯކެއް ކަމަށެވެ. ކޮވިޑަށް މެދުކަޑާލާފައި އޮތް އޮތުމަށް ފަހު މިހާރު އެ މަސައްކަތް ފަށައިގެންފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ރަށް، ލެޕްރެސީ ނެތް ރަށްރަށުގެ ގޮތުގައި ކަނޑައެޅުމަކީ ރާއްޖެ ޒީރޯ ލެޕްރެސީގެ ލަނޑުދަޑި ހާސިލް ކުރުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ ޖުޒާމްބަލި ނެތް ރަށްރަށުގެ ގޮތުގައި ރަށް ކަނޑައަޅާނީ ޖުޒާމް ބައްޔަށް ސްކްރީން ކޮށް ބަލި ދެނެގަތުމަށާއި، ދޭން ޖެހޭ ފަރުވާ އަށް އަދި ބައްޔާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީން ވެސް ކުރެވިގެން ކަމަށެވެ.
ރަށްތަކުގައި ޖުޒާމް ބަލީގެ ސްކްރީން ބޭއްވުމާއި، ރާއްޖެއިން ކަނޑައަޅާ ފަރާތްތަކުން ކަމާއި ގުޅޭ އިންޓާނަލް ވެރިފިކޭޝަން އެސިސްމެންޓް ކުރިއަށް ގެނދިއުން ވެސް ހިމެނެއެވެ.
ރާއްޖެއިން ޖުޒާމްބަލީގެ ކޭސްތައް މިހާރު ފެންނަނީ އަހަރަކު ގާތްގަޑަކަށް 10 ނުވަތަ ހަތް މީހުނާ ދެމުދު ކަމަށާއި، ނަމަވެސް މި އަހަރު މިހާތަނަށް ލެޕްރަސީ ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. ޖުޒާމް ބަލީގެ ބަލި މީހުންނަށް ގަވައިދުން ޑޮކްޓަރަށް ދައްކައި މޮނިޓާ ކުރުމާއި، ބަލިމީހުންނަށް ސީދާ ބެލުމުގެ ދަށުން ފަރުވާ ދިނުން ވިލެރެސްކޮށް ކުރިއަށްދަނީ އައިޖީއެމްއެޗުންނާއި، ރަށްރަށުގެ ސިއްހީ މަރުކަޒު ތަކުން ކަމަށް ވެސް ބުނެފަވެއެވެ.
ޖުޒާމް ބައްޔަކީ ކޮންމެ އުމުރެއްގެ ފަރާތަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށާއި، ނަމަވެސް ބަލީގެ ކުރީ ކޮޅުގައި ފަރުވާ ކުރެވިއްޖެ ނަމަ ގުނަވަންތައް އައިބުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި އިތުރަށް އެޗްޕީއޭއިން ބުނީ މި ހިނިގާ އޮކްޓޯބަރު މަހުގެ ނިޔަލަށް މި މަސައްކްތަ ނިންމާ ލެވޭނެ ކަމަށެވެ.