ads
ފައްޔާޒް އިސްމާއިލް އަދާލަތު ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގަ. ފޮޓޯ: އަދާލަތު ޕާޓީ
56 ޕަސެންޓަށްވުރެ އަޅުގަނޑުމެން ތިރިއެއް ނުވާނެ: ފައްޔާޒް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއިން 56 އިންސައްތައަށް ވުރެ އެއްމެ ވޯޓެއްވެސް ދަށް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީއިން ހުޅުއްވި "އަދާލަތު ފެންޑާ" ޖަގަހަ ހުޅުއްވައިދެއްވަމުން ފައްޔާޒް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި، އެމްޑީޕީގެ "ޑޭޓާ ބަލަހައްޓާ ކުއްޖާ"ގެ މަގާމް އަދާކުރައްވަނީ އެބޭފުޅާކަމަށާއި، އަދި އެއްކުރެވިފައިވާ ޑޭޓާ ތަކަށް ބަލާއިރު، 56 އިންސައްތައަށްވުރެ ދަށްކޮށް ނަތީޖާ ނުނިކުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން" ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ

56 އިންސައްތައިގެ ޔަގީންކަމެއް އޮތަސް، ކުރިއަށް އޮތް 6 ދުވަހު މަސައްކަތްކޮށްދެއްވައިގެން، އެ އަދަދު 59 އިންސައްތައަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި އެހެން އެދިލައްވަނީ ބޮޑު އައުލަބިއްޔަތެއް ހޯދުމަށްކަމަށާއި، އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ތިބި ކޯލިޝަންގެ ބައެއް ބައިވެރިންނާ ނުލައި މި ފަހަރު ބޮޑު އަދަދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދަވައި ދެއްވުމަކީ އޭނާގެ އަމާޒެއް ކަމަށްވާތީވެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"ނޫން. ރައްޔިތުން ހަނދާން އެބަހުރި. އަދި ހާއްސަކޮށް މިހާރު އެ ނުކުންނަވައިގެން އުޅުއްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ގިނަ އަނިޔާވެރި އަމަލުތައް ނަގަހައްޓައި ކުރިއަށް ގެންދެވި އެއް ބޭފުޅާ. މިއަދު ނުކުމެ އެހެން ގޮތަކަށް ދައްކަން އުޅުނަސް ދިވެހި ރައްޔިތުންނެއް އެކަން ހަނދާނެއް ނުނެތޭ. އެހެންވީމާ އަޅުގަނޑުމެން ކުރަންވީ ކަމަކީ މި އަދަދުން އަޅުގަނޑުމެންނަށް ކާމިޔާބުވެފައި ތިބި ކަމަށް ހިތުގެ އަޑިން ގަބޫލު ކޮށްގެން ތިބެމެ ފަހު މިނިޓާ ހަމައަށް ކުރަން ޖެހޭ މަސައްކަތް ކުރުން،" ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުމެވަޑައިގަތީ މި ވެރިކަން ކުރިއަށް އޮތް ފަސް އަހަރު ވެސް ދެމިއޮތުމަކީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ އަދި އެންމެންނަށް ލާބަ އާއި މަންފާ ލިބޭނެ ކަމަކަށް ވާތީ ކަމަށެވެ. އަދި ކުރީގައި ރާއްޖޭގައި އޮތް އަނިޔާވެރިކަން އިޔާދަ ވާން އެކަކު ވެސް ނޭދެ ކަމަށާއި، ހަތަރު އަހަރު ފަހުން އަނެއްކާވެސް ކުލަ ބަދަލު ކޮށްލައިގެން ނުކުމެ އޮޅުވާލެވިދާނެ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް، އެފުރުސަތު ދެން ދޭކަށް ދިވެހިން ބޭނުންނުވާކަމަށާއި، މިއިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރަން ބޭނުންވަނީ އެމެސެޖް ރައްދުކޮށްދިނުމަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް