އާބަންކޯއިން ބުނީ ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.
ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އާބަންކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރު އިބްރާހިމް އިނާޒް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ އެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 150 ކަނބަލުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމަކީ އަންހެނުންނަށް ހާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދެވުނު ޓްރެއިނިން ޕްރޮގްރާމެއް ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި ޕްރޮގްރާމުގައި އާންމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުން ކުރާ ހިފާގެންގުޅޭ ކަރަންޓު ސާމާނު ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތާއި އެ ތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެ ގޮތް ދަސްކޮށްދެވިފައިވާ ކަމުގައެވެ.
އާބަންކޯއިން ދަނީ އަބަދުވެސް މުޖުތަމައުގެ ފަރުދުން ބާރުވެރިކުރުވައި ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތަކާއި ޓްރެއިނިންތައް ކުރިއަށް ގެންދަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން ކުރިއަށް އޮތްތާވެސް މިފަދަ ތަފާތު ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.