ރ. އަނގޮޅިތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ވޯޓުލާ އާބާދީގެ 90 އިންސައްތަ ވޯޓުލާން ނުކުތް ކަމުގައި ވީނަމަވެސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަސް ވެގެންދާނީ އަނެއްކާ ވެސް ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލާއެކު ކުރިއަށް ދިއުމަށް ލިބޭ އިތުރު ފުރުސަތަކަށް ކަމަށެވެ.
ކުރިމަތިވި ދަތި އުނދަގޫތަކާއެކު ވެސް ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، އޭގެތެރެއިން ގިނަ ކަންކަން ކުރެވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރަށް ފުރަތަމަ ކުރަން ޖެހުނީ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމު ކުރުން ކަމަށާއި، ދެން އޮތީ އިގުތިސާދު ރަނގަޅުކޮށް ދެ ގުނަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިރެއާއި ހަމައަށް އުތުރުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށަކަށް ހެން އެމަނިކުފާނު އަރާ ނިމޭނެ ކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯއިން ވަކި ރަށެއް ތަފާތުނުކޮށް، ބާކީ ނުކޮށް ކޮންމެ ރަށަކަށް ތަރައްގީގެ ބޮޑެތި ބަދަލުތައް ގެނެސްދޭނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހުށަހަޅާފައިވާ މެނިފެސްޓޯތަކަށް ބަލާއިރު އެމްޑީޕީ ކޯލިޝަންގެ މެނިފެސްޓޯއާއި ގާތްކޮށްލެވޭނެ މެނިފެސްޓޯއެއް ވެސް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ދައުރުގައި އަނގޮޅިތީމަށް ކޮށްދެއްވާނެ ކަންތައްތައް ވެސް އިއުލާން ކުރައްވާފައެވެ.
އަނގޮޅިތީމަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:
1. ބަނދަރު ނެރު އިރުމައްޗަށް ބަދަލުކޮށް، ޓީޖެޓީއެއް ހެދުން،
2. މޫދަށް އެރޭނެ ސަރަހައްދެއް ހެދުން،
3. ގިރާ ސަރަހައްދު ހިމާޔަތް ކުރުން،
4. ބޮޑު ތިން މަގުގައި ތާރު އަޅާ، ރަށް ވަށައިގެން މަގު ހެދުން،
5. ކައުންސިލާއި ޑަބްލިއުޑީސީއަށް އިމާރާތެއް އެޅުން،
6. ހޭންޑުބޯލު ކޯޓެއް އެޅުން،
7. ފުލުހުންގެ ޕޯސްޓެއް ގާއިމު ކުރުން،