ads
އަލިފުށީގައި މިއަދު ބޭއްވި ކެމްޕޭނު ޖަލުސާގެ ތެރެއިން---ފޮޓޯ:އެމްޑީޕީ
އަލިފުއްޓަށް ރައީސް ސޯލިހުގެ ގިނަ ވައުދުތަކެއް
ރ.އަލިފުއްޓަށް ކުރިއަށް އޮތް ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވުމަސް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި އަލިފުއްޓަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ފަށައިގެން ކުރިއަށްދާ އެއާޕޯޓު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ އެ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށެވެ. 

އޭގެއިތުރުން ވެސް ރައީސް ސޯލިހު ވަނީ އަލިފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ވައުދުވެވަޑައިގެންފައެވެ. 

ރައީސް އަލިފުއްޓަށް ވައުދުވެވަޑައިގެންނެވި ކަންތައްތައް: 

1. ބިން ހިއްކުން،

2. އާޓިފިޝަލް ބީޗެއް ހެދުން،

3. ކުނި މެނޭޖު ކުރާނެ ސެންޓަރެއް ގާއިމު ކުރުމާއި އެ ސެންޓަރަށް ބޭނުންވާ އިތުރު ހެކްޓަރެއްގެ ބިން ހިއްކުން،

4. ފްލެޓު ނޫނީ ރޯ ހައުސް އެޅުން،

5. ގިރާ ސަރަހައްދު ހިމާޔަތް ކުރުން،

6. އިތުރު މަގުތައް ޒަމާނީ ފެންވަރަށް ހެދުން،

7. ފުޓްސެލު ދަނޑެއް އެޅުން،

8. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމު ކުރުން،

9. އެއްތިގިލި ރިސޯތަކަށް ހަދަން ކުރާ މަސައްކަތް ހުއްޓަ ނުލާ ކުރިއަށް ގެންދިއުން،

10. އާ އިންޖީނުގެއެއް އެޅުން،

11. ހުކުރު މިސްކިތާއި ސުކޫލުގެ މަލްޓިޕާޕޯސް ހޯލު އޭސީ ކުރުން،

12. ސައިންސް ލެބުގެ ވަސީލަތްތައް އިތުރު ކުރުން،

13. އިންޑޯ އަދި އައުޓްދޯ ސްޕޯޓްސް އެރީނާއެއް ގާއިމު ކުރުން،

14. ލައިސެންސް ޓްރެކެއް އެޅުން،

15. ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ވީހާ އަވަހަކަށް ފެށުން. 

ރައީސް ސޯލިހުގެ ކެމްޕޭނު ދަތުރުފުޅުތަކުގައި އެއްރަށަކަށް އެންމެ ގިނަ ވައުދުވެވަޑައިގެންނެވި އެއް ރަށަށް އަލިފުށި ވާނެއެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެ،މަނިކުފާނު ވައުދުވެވަޑައިގަންނަވަމުން ގެންދަވަނީ ފުއްދޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ. 2018 ވަނަ އަހަރުގެ އިންތިހާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ 90 އިންސައްތަ ފުއްދާދެވިފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އަލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހުވަނީ އެ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު(ބިގޭ) އަށް ތައުރީފު ކުރައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެހޭ މަސައްކަތްތަކުގައި އެންމެ ކައިރިން މަސައްކަތް ކުރައްވާ އެއް މެންބަރަކީ ބިގޭ ކަމަށާއި ބިގޭ އަކީ"ރަންގަނޑެއް" ކަމަށެވެ. ރައީސް ސޯލިހުވަނީ ކުރިއަށް އޮތްތަނުގައި ވެސް ބިގޭ ދޫކޮށް ނުލުމަށް އެދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް