ads
ވެލިދޫ ޖޫނިއަ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ:އެމްޓީސީސީ
ވެލިދޫ ޖޫނިއަ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
ނ. ވެލިދޫ ޖޫނިއަ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ވެލިދޫ ޖޫނިއަ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. 

ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ ދަށުން 10،276 އަކަ ފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި އިމާރާތުގެ ތެރޭގައި ދެ ކްލާސް ރޫމާއި ދެ ވޯކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން އެއް އައިސީޓީ ލެބާއި އެއް ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

ހަޔަ އެޑިޔުކޭޝަންގެ ފަރާތުން އެމްޓީސީސީ އާ ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

your imageވެލިދޫ ޖޫނިއަ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ:އެމްޓީސީސީ

ވެލިދޫއަކީ 2،724 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާންމުކޮށް ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މަތީ ފަންތީގައި ހިންގަމުންދާ ހަތް ރިސޯޓެއް ނ. އަތޮޅުގައި މިހާރުވެސް އޮތުމުން ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުންދަނީ އެ ރިސޯޓުތަކުގައެވެ. ވެލިދޫގައި އެކަށީގެންވާ އާބާދީއެއް އޮތުމާ އެކު، ތައުލީމް ހާސިލު ކުރަމުންދާ ބޮޑު އާބާދީއެއްވެސް އޮވެއެވެ.

ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އެތަކެއް ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އެކަމުގެ ސަބަބުން ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތައުލީމީ ގާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް