މިއަދު އެކްސް ގައި އިންޑިއާ ހައި ކޮމިޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިންޑިއާ އާއި ދިވެހި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ގުޅުމަށް ބުރޫ އަރާފަދަ ގޮތަކަށް ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް މިކަން އަނެއްކާވެސް ގެންނަ ކަމަށާއި، އަދި މިފަދަ ހަބަރުތައް ފަތުރާ ފަރާތްތަކުން ޒިންމާދާރުކަމާއި އެކު ހަބަރު ފެތުރުމަށް ނަސޭހަތްތެރި ވުމަށް ގޮވާލާކަމަށް ވެސް ބުނެފައިވެއެވެ. އަދި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށްވެސް ގޮވާލާފައި ވެއެވެ.
މި ޕޯސްޓުގައި ނޫހަކުން އިން ޝާއިއު ކޮށްފައިވާ ހަބަރު ތަކެއްގެ ސްކްރީން ޝޮޓް ތަކެއް ހިމަނުއްވައި، އެއީ ފޭކް ހަބަރު ތަކެއް ކަމަށް ބުނެފައި ވެއެވެ. މިގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ހައިކޮމިޝަނާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅޭކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރާއި، ހަނިމާދޫ ގައި ތިބޭ އިންޑިއާ ސިފައިން ރައްޔިތުންގެ ކިބައިން ވޯޓު ދޭނީ ކާކަށްތޯ އަހަމުންދާ ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރާއި، ވިސާ ހޯދުމަށް އިންޑިއާ ހައިކޮމިޝަނަށް ދާ މީހުން ވޯޓު ދެނީ ކާކަށްތޯ އޮޅުން ފިލުވާކަމަށް ބުނެ ޝާއިއު ކޮށްފައިވާ ހަބަރަކީ ފޭކް ހަބަރު ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިންވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސޮއި ކުރައްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސް ކޮށް ފޮނުވާފައިވާ ސިޓީ ކަމަށް ބުނެ އާއްމު ކޮށްފައިވާ ސިޓީ އާއި ގުޅޭ ގޮތުންވެސް ކަންބޮޑުވުން ފާޅުކޮށް، އެކަންވެސް މޯލްޑިވްސް މީޑިއާ ކައުންސިލް އާއި އަދި ދިވެިހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިއެވެ.