ads
ޑރ. މުއިއްޒު ނ. ލަންދޫގައި ވާހަކަ ދައްކަވަނީ
ވޯޓުގެ ފަރަގު ބޮޑު ވެއްޖެނަމަ އިންޑިއާ ސިފައިން ދާން މަޖުބުރޫވާނެ: މުއިއްޒު
ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ފަރަގު ބޮޑުވާ ވަރަކަށް، ރާއްޖޭގައި ގާއިމްވެފައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ފަސޭހަވާނެކަމަށް، ރިޔާސީ އިންތިހާބުގައި އިދކޮޅު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދެވަނަ ބުރުގެ ކެމްޕެއިނަށް ވަޑައިގެން ނ. ލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ، ހާއްސަ އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އެއީ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ގާނޫނު އޮންނަ ގޮތުން 50 ޕަސެންޓް އާއި އެއް ވޯޓުން ވެސް އިންތިހާބު ކާމިޔާބުވޭ. އެހެން ނަމަވެސް، ޕަސެންޓޭޖް މަތިކޮށް، ގިނަ ރައްޔިތުންގެ ޕަސަންޓޭޖާ އެކު، މިސާލަކަށް 60 ޕަސެންޓާއި ހަމައަށް ދަނީ، އެ ހިސާބުން ކާމިޔާބުވެއްޖެއްޔާ މި ދެންނެވި ކަންތައް ކުރުމުގައި އަޅުގަނޑުމެން ގޮސް، އަޅުގަނޑުމެންގެ ގައުމުގައި ބޭރު ސިފައިން ތިބި ބޭފުޅުންގެ ކައިރީ ދެންނެވޭނެ، ބައްލަވާށޭ މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެބަ އެދެއޭ ބޭރު ސިފައިން ބާލަން. ތަފާތެއް އަންނާނެ ނޫންތޯ އޭގެ، ތަފާތެއް އަންނާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން މިހާރު އޮޅުވާނުލެވޭނެ ކަމަށާއި އެކަން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިލިޓަރީ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވެ، އެ ކަމަށް ރިޔާސީ ބަހުސްގައި ވެސް އެބަސްވެވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބޭރުގެ ސިފައިން ތިބީ މިލިޓަރީ ބޭނުމަކު ނޫން ކަމަށް ރައީސް ވިދާޅުވުމުން، އެ މީހުން މިތަނުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގޮސް ބޭރުގެ ސިފައިން ބައިތިއްބާފައި ތިބި ބޭފުޅުން ކައިރީގައި ވިދާޅުވެވޭނެ ބައްލަވާށޭ، މި ތިބިއޭ، މިހާރު ގިނަ ރައްޔިތުން އެދެޔޭ މިތަނުން ބޭރު ސިފައިން ބާލަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

 

މުއިއްޒު ވިދާޅުވި ގޮތުގައި، ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަން ޔަގީން ކުރާނީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތްކަމަށް ވިދާޅުވިއެވެ. އެކަމަކު، އެކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށް ވިދާޅުވެ، މި މަހު 30 ގައި އޮންނަ އިންތިހާބުގައި ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ވިހާވެސް ގިނަ އަދަދެއްގެ ބޭފުޅުން ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް