ads
އާރުޓީއެލް ފެރީތަކެއް: އާރުޓީއެލްގެ ސަބަބުން 86 އިންސައްތަ ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ކުޑަވެފައި ކަމަށް ދިރާސާއިން ވަނީ ހާމަވެފައި - ފޮޓޯ:އެމްޓީސީސީ
އާރުޓީއެލްގެ ސަބަބުން %86 ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހޭދަ ކުޑަ
އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ސަބަބުން 86 އިންސައްތަ ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ކުޑަވެފައިވެފައި ކަމަށް އެކަމާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފިއެވެ.
Advertisement

އާރުޓީއެލް އާ ގުޅޭގޮތުން ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ޒޯން އެކެއް (ހއ، ހދ އަދި ށ) ގެ ރައްރަށުގައި މިދިޔަ ޖުލައި އަދި އޯގަސްޓް މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ދިރާސާ ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑާއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރާ އެކި ފަރާތްތަކާއި ރައްޔިތުންނަށް ބޭނުންވާ އެކި ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މި ހިދުމަތްތައް ލިބިގަންނަ ފަރާތްތަކާއި މުޖުތަމައުގައި ހިމެނޭ އެކިއެކި ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ވިޔަފާރިތަކާއި ތަފާތު ސިނާއަތްތަކަށް ކުރާ އަސަރުތައް ދެނެގަތުން ހިމެނޭ ކަމަށެވެ. މި ކަންކަން ދެނެގަތުމަށް ސާވޭ ފޯކަސް ގްރޫޕް ޑިސްކަޝަންސް، އިންޓަވިއު ފަދަ ގޮތްގޮތް ބޭނުންކޮށްގެން އާރުޓީއެލްގެ ހިދުމަތުގެ ސަބަބުން ސީދާ އަދި ނުސީދާކޮށް މި ހިދުމަތުގެ އަސަރުކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އެހެނިހެން ސަރަހައްދުތަކަށް މި ހިދުމަތް ފުޅާކުރާއިރު މި ޒޯންގެ ތަޖުރިބާ ބޭނުންކުރާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި މި ދިރާސާގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހާމަކުރި ގޮތުގައި މި ދިރާސާއަށް ޒޯން އެކެއްގައި ހިމެނޭ 41 ރަށުގެ ތެރެއިން 16 ރަށުން މައުލޫމާތު އެއްކުރި ކަމަށެވެ. ދިރާސާއަށް މައުލޫމާތު އެއްކުރުމަށް 787 ޕަބްލިކް ސާވޭ އަދި 106 ބިޒްނަސް ސާވޭ ކޮށްފައިވެއެވެ. އެގޮތުން 11 ފޯކަސް ގްރޫޕް ޑިސްކަޝަން އަށް ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 84 ބައިވެރިން ވަނީ ދިރާސާގައި ބައިވެރިވެފައެވެ. ދިރާސާއަށް 45 ކީ އިންފޯމަންޓް އިންޓަވިއުކޮށްފައިވާއިރު، ޖުމްލަ 151 ބައިވެރިން ބައިވެރިވިއެވެ. މި ދިރާސާގައި ހަބް ރަށްތަކުގެ ގޮތުގައި ހިމެނެނީ ހދ. ކުޅުދުއްފުށި ހއ. ދިއްދޫ އަދި ށ. ފުނަދޫއެވެ. ނަން-ހަބް ރަށްތަކުގެ ގޮތުގައި ހިމަނާފައިވަނީ ހަބް ރަށްތައް ނޫން އެހެން ރަށްތަކެވެ.

your imageއާރުޓީއެލްގެ ސަބަބުން ބޮޑު ޒޯން އެކަކަށް އައި ބަދަލުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ

މި ދިރާސާއަށް މައުލޫމާތުދިން މީހުންގެ ތެރެއިން 83 އިންސައްތަ މީހުން ބުނި ގޮތުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގިނައިން ދަތުރުކުރީ އާރްޓީއެލްގައި ކަމަށެވެ. އޭގެތެރެއިން 74 އިންސައްތަ މީހުން ދަތުރުކޮށްފައިވަނީ އެ ސަރަހައްދުގެ މައި ހަބް ކަމަށްވާ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގެ އިތުރުން ދެން އެންމެ ގިނަ މީހުން ދަތުރުކުރަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ރަށާއި އެއާޕޯޓު ހުންނަ ރަށްތަކަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތާ ގުޅޭގޮތުން ކުރި މި ދިރާސާއިން ދައްކާގޮތުން އާރުޓީއެލްއިން 68 އިންސައްތަ މީހުން ދަތުރުކޮށްފައިވަނީ ސިއްހީ ބޭނުންތަކަށް ކަމަށްވާ ޑޮކްޓަރަށް ދެއްކުމަށާއި ހާއްސަ ސިއްހީ ބޭނުންތަކަށާއި ލެބޯރެޓަރީގެ ހިދުމަތް ހޯދުމަށެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އެއާޕޯޓަށް ދިއުމަށާއި އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުމަށެވެ. ދިރާސާގައިވާ ގޮތުން މައިގަނޑު ގޮތެއްގައި ހަބް ރަށްތަކުގެ ރައްޔިތުން މުނިފޫހިފިލުވުމަށާއި އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުމަށް ދަތުރުކޮށްފައިވާއިރު، ނަން-ހަބް ރަށްތަކުގެ މީހުން ދަތުރުކުރަނީ ސިއްހީ ހިދުމަތްތައް ހޯދުމަށެވެ.

އާރުޓީއެލްގެ ސަބަބުން ބަލިމީހުންނަށާއި އާއިލާތަކަށް ލިބޭ ފައިދާ: 

  • ދިގު މުއްދަތަށް ބޭސްފަރުވާ ބޭނުންވާ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ ރައްޔިތުންނަށް ގަވާއިދުން ސްޕެޝަލިސްޓުންނަށް ދެއްކުމާއި ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ލިބޭ ފުރުސަތު އިތުރުވުން
  • ހާލަތު ގޯސްވުމުގެ ކުރިން ސިއްހީ ފަރުވާ އަދި ޑެންޓަލް ހިދުމަތް ހޯދުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ޕްރައިވެޓް ކްލިނިކްތަކަށް ދަތުރުކުރުން އިތުރުވުން
  • ފެރީ ޝެޑިއުލްތައް ކަނޑައެޅިފައިވާ ގޮތުން އެދުވަހުން އެދުވަހަށް ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތައް ހެދުމާއި ރިޕޯޓްދެއްކުން ފަދަ ކަންކަމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ލިބުން
  • ބޭހާއި އެހެނިހެން ފާމަސޫޓިކަލްތައް ރީޖަންގެ ތެރޭގައި ހިމެނޭ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމުގައި ލުއިފަސޭވެގެން ދިއުން
  • ސްޕެޝަލިސްޓުންނާއި އިތުރަށް ހަދަން ޖެހޭ ޓެސްޓްތަކަށް ދެވޭ ރެފެރަލްތައް ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކުގެ މެދުގައި ކޯޑިނޭޓްކުރުމުގައި ފަސޭހަވުން

ދިރާސާގައިވާގޮތުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އިތުރު ހިދުމަތްތަކާއި އެހީ ދިނުމަށް އާރުޓީއެލްގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދެއެވެ. އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އެމްޓީސީސީ އަދި ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކާ އެކު ވެފައިވާ ޓްރައިޕާޓީ އެއްބަސްވުމުގެ ސަބަބުން މޮބައިލް ލެބޯޓަރީ ހިދުމަތްތަކުގެ އޮޕަރޭޝަން ފަސޭހައިން ކުރިއަށް ދިއުމާ އެކު، ހޮސްޕިޓަލްތަކުގެ ހަރަދު ކުޑަވެގެންދާ ކަމަށް ބުނެފައިވެއެވެ. އޭގެއިތުރުން އާރުޓީއެލް ފެރީގެ ހިދުމަތް ހަފުތާގެ ހަތް ދުވަހުގައި ދެމުން ގެންދިއުމާ އެކު ބަލި ހާލުގައިވާ ފަރާތްތަކަށް ހިދުމަތް ދިނުން ހަފުތާއަށް ބެހިފައިވުމުން ހޮސްޕިޓަލްގެ ހިދުމަތް ފޯރުކޮށްދިނުން ފުރިހަމަ ވެގެންދާ ކަމަށް ދިރާސާއިން ދައްކައެވެ.

your imageށ. ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް - ފޮޓޯ:އެމްޓީސީސީ

މި ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހަކުން އެކަކު ވަނީ އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު އާރުޓީއެލް ބޭނުންކޮށްފައެވެ. އަދި އާރުޓީއެލް ފެށުމުން މީހުން ދަތުރު ކުރާ މިންވަރު ކުރިއަށްވުރެ 39 އިންސައްތަ އިތުރުވެފައިވެއެވެ.

އާރުޓީއެލްގެ ސަބަބުން ތައުލީމީ ފުރުސަތުތައް ލިބިގަތުމަށް ހެޔޮ އަސަރުތަކެއް ކުރާ ކަމަށް މި ދިރާސާއިން ދައްކައެވެ. އެގޮތުން އެކަށީގެންވާ އަގެއްގައި ދަތުރުކުރުމުގެ ފުރުސަތު އެހެން ރަށްރަށުގެ ދަރިވަރުންނަށް އޮތުމުން އެމްއެންޔޫ އަދި އެހެނިހެން ކޮލެޖްތަކުގެ ބްލޮކްމޯޑް ކްލާސްތަކަށް ޑިމާންޑް އިތުރުވެގެން ގޮސްފައިވެއެވެ.

އާރުޓީއެލް ފެރީ ޓިކެޓް އެޕްލިކޭޝަން މެދުވެރިކޮށް އަދި ވެބްސައިޓްއިންވެސް ގަނެވޭއިރު، ދިރާސާއިން ދައްކާގޮތުން 48 އިންސައްތަ މީހުން ޓިކެޓް ގަނެފައިވަނީ އެހެން މީހެއްގެ އެހީ އާއެކުގައެވެ. ޒުވާނުންގެ ބޮޑު ބައެއް (72 އިންސައްތަ) ޓިކެޓް ގަނެފައިވަނީ އަމިއްލައަށެވެ. އެހެންނަމަވެސް، އުމުރުން ދުވަސްވީ މީހުން ޓިކެޓް ނަގާފައިވަނީ އެހެން މީހުންގެ އެހީގައި ކަމަށާއި އެގޮތަށް ދިމާވުމުގެ ސަބަބުތަކުގެ ތެރޭގައި އިންޓަނެޓާ އަހުލުވެރިނުވުމާއި ސްމާޓް ފޯން ބޭނުންނުކުރުން އަދި ލެންގުއޭޖް ބެރިއަ ނުވަތަ ދިވެހި ބަހުން އެޕްލިކޭޝަން ބޭނުން ނުކުރެވުން ހިމެނޭ ކަމަށް ދިރާސާއިން ދައްކައެވެ.

އާރުޓީއެލްގެ ސަބަބުން އިގުތިސާދީ ގޮތުން ކުރާ އަސަރުތައް:

  • އާރުޓީއެލްގެ ސަބަބުން 86 އިންސައްތަ ގޭބިސީތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ކުޑަވެފައި
  • އާރުޓީއެލްގެ ސަބަބުން ޑައިރެކްޓް އަދި އިންޑައިރެކްޓް ވަޒީފާގެ ފުރުސަތު ވަނީ އުފެދިފައި
  • ވަޒީފާގެ ބޭނުމުގައި ނުވަތަ އެހެން ބޭނުމެއްގައިވެސް އެހެން ރަށްތަކަށް ދަތުރުކުރުމަށް ފުރުސަތު މަދުކަން ވަނީ ފާހަގަވެފައި
  • ދަތުރުމަތީގައި ހޭދަވާ ވަގުތު ކުޑަވެ، އޭގެ ސަބަބުން އިގުތިސޯދީ ގޮތުން ކުރިއެރުން ލިބި، ދިރިއުޅުމުގެ ހާލަތު ކުރިއަރައިގެންދޭ

އާރުޓީއެލްއަކީ ޕެސެންޖަރުން އުފުލުމަށް ތައްޔާރުކޮށްފައިވާ ފެރިތަކަކަށްވާއިރު، ފެރީގެ ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމުގައި ދަތުރުކޮށްފައިވަނީ 19 އިންސައްތަ މީހުންނެވެ. މި 19 އިންސައްތައިގެ ތެރެއިން 75 އިންސައްތަ މީހުން ދަތުރުކޮށްފައިވަނީ އެހެން ރަށްރަށުން އެމީހުންގެ ވިޔަފާރިތަކަށް ބޭނުންވާ މުދަލާއި ހިދުމަތުގެ ސަޕްލަޔަރުން ކައިރިއަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުގެ ވިޔަފާރި ހަރަކާތްތައް އިތުރުވުން އެކަށީގެންވާ ކަމަށް ދިރާސާގައި ބުނެއެވެ. އޭގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބޭނުމަށް އާރުޓީއެލްގެ ބޭނުން ކުރާނެ ފަރާތްތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދިރާސާގައި ބައިވެރިވި 60 އިންސައްތަ މީހުން ބުނި ގޮތުގައި ވިޔަފާރީގެ ބޭނުމަށް އާރުޓީއެލް ބޭނުންނުކުރާ މައިގަނޑު ސަބަބަކީ ވިޔަފާރި ކުރުމަށް އާރުޓީއެލް ކޮންމެހެން ބޭނުން ކުރަން ނުޖެހޭތީ ކަމުގައެވެ. އަދި 40 އިންސައްތަ ފަރާތުން ބުނީ އާރުޓީއެލްގައި ވިޔަފާރީގެ ބޭނުމަށް ދަތުރުނުކުރެވޭ ކަމަށެވެ. އެގޮތުން އެއް ރަށްރަށުން އަނެއް ރަށަށް މުދާ ގެންދިއުން ފަދަ ކަންކަން ނުކުރެވޭތީ އާރުޓީއެލްގެ ހިދުމަތް ބޭނުން ނުކުރާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް