ads
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު އިފްތިތާހުކުރުން: މިއީ އީޖާދީ ހައްލުތައް ދިވެހިންނަށް ފަހިކޮށްދިނުމުގެ ރަމްޒެއް - ފޮޓޯ:އުރީދޫ
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު: އީޖާދީ ހައްލުތައް ފަހިކޮށްދިނުމުގެ ރަމްޒެއް
އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެގާރަ ފަންގިފިލާގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އާދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ކަމަށެވެ. އުރީދޫ މޯލްޑިވްސްއިން މި އިމާރާތް އިފްތިތާހުކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި އިމާރާތް އަލިކޮށްލިއެވެ.

"އުރީދޫ މޯލްޑިވްސްއަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއް. އަދި އުރީދޫގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭވަރުގެ ހިދުމަތެއް. އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފުކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖުތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަގުނަ ހިދުމަތްތައް ހިމެނޭ. މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މަރުހަބާ ކިޔަން. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" - ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫ ވިދާޅުވެފައިވަނީ ރާއްޖެއަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށެވެ. މި އާ ހެޑްކުއާޓަރަކީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަޒީޒްގެ ވާހަކަފުޅުގައި މަސައްކަތަށް އެއްބާރުލުންދީ މި މަސައްކަތުގައި ބައިވެރިވި ސްޓޭކްހޯލްޑަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

your imageއުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އުރީދޫ

"އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ހީވާގި ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް. މި އިމާރާތަކީ ދިވެހި ރައްޔިތުންނާ އެކު އޮންނަ ގާތް ގުޅުމާއި މުޖުތަމައުތަކުގެ ކުރިއެރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތާ، މިހާރަށްވުރެ އުޖާލާ، ގުޅިލާމެހިފައިވާ މުސްތަގްބަލެއް ގާއިމުކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ރަމްޒެއްވެސްމެ. މި ފުރުސަތުގައި އުރީދޫ މޯލްޑިވްސްގެ ހީވާގި މުވައްޒަފުންގެ ބުރަ އަދި ކާމިޔާބު މަސައްކަތް ފާހަގަކޮށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އިތުބާރަށް ފަށްފަށުން ޝުކުރުދަންނަވަން،" - އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލް ހަމާދީ

ހުޅުމާލޭގެ މެދުގައި ބިނާކުރެވިފައިވާ މި އާ އިމާރާތުގައި އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއައިޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭ ކަމަށެވެ.

މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭއިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕަޑް ބިއްލޫރި ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ހިމެނިފައިވާ ކަމަށެވެ. މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަ ރޭޓެޑް ދޮރުތަކާއި ފަޔަ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަ ސޭފްޓީ ސިސްޓަމް ގާއިމުކުރެވިފައިވާކަން ފާހަގަކޮށްލެވޭ ކަމަށް އުރީދޫން ބުނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ހަފުލާގައި އެ ކުންފުނިން ވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް