ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް މާލޭގެ ރަށްވެހިންނަށް ދީފައިވާ ގޯތިތައް ރަޖިސްޓްރީކޮށް، އިންވަކިކޮށް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement
ޗާންދަނީ މަގުގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގޯތިތަކާއި ގުޅޭ ގޮތުން އިދިކޮޅުން ސުވާލު އުފައްދަމުންދާތީ ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެ ކަންބޮޑުވުންތަކާއި ގުޅިގެން އެމަނިކުފާނާ ވެސް ސުވާލު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު މިރޭ ވެސް ޔަގީންކަން މި އަރުވަނީ، ފަހެއް ނޮވެމްބަރު ވާންވާ އިރަށް ގިރާވަރުފަޅު ވެސް ހިއްކާ، އެތަނުން އިންވަކިކޮށް ތިބޭފުޅޫންނަށް ގޯތި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިރާވަރުފަޅު ހިއްކަމުންދާތީ އުފައްދަމުންދާ ސުވާލުތަކުގެ އިތުރުން ގޯތި މިހާރު ދެމުންދާ ތަންތަނުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުތަކާއި ބެހޭ ގޮތުން ވެސް ސުވާލު އުފައްދަމުންދާ ކަމަށެވެ.
"ހަމަ އެތަން ނިމުމާއެކު ފެނާއި ކަރަންތާއި ނަރުދަމާއާއި މަގު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އިރާދަ ކުރެއްވިއްޔާ ތިބޭފުލޫން އެތަންތަނުގައި އިމާރާތްކޮށް ނިމެންވާ އިރަށް، ކުރިއަށް އޮތް އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ތަނެއްގައި މަގުތައް ހަދާ، ފެނާއި ނަރުދަމާއާއި ކަރަންޓު ގެ ހިދުމަތްދޭނެކަން ޔަގީންކޮށްދެން،" ރައީސް ސޯލިހު ވިދާޅުވިއެވެ.