ads
ރައްޔިތުން ގާތަށް ޕްރޮގްރާމުގައި ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީކޮށް، ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގޮތުގައި ފުޅާކުރައްވާނެ ކަމަށް - ފޮޓޯ:ޕީޕީއެމް
ދަރުމަވަންތަ ތަރައްގީކޮށް، ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގޮތުގައި ފުޅާކުރާނަން
ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީކޮށް، ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގޮތުގައި ފުޅާކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި ރަސްރަނި ބަގީޗާގައި ރޭ ބޭއްވި "ރައްޔިތުން ގާތަށް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާއިން ހުށަހަޅާފައިވާ މެނިފެސްޓޯގައި މައިގަނޑު ދެ ކަމަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ބަލިތަކުން މީހުން ދުރުކުރުމަށް ހިންގޭ ކަންކަން ނުވަތަ "ޕްރިވެންޓިވް ހެލްތުކެއާ" ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސިއްހީ ދާއިރާއިން ކުރާ ހަރަދުތަކުން ވަރަށް ބޮޑު ބައި ބަލިޖެހުމުގެ ކުރިން ރައްޔިތުން ބަލިތަކަށް ހޭލުންތެރިކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި ހޭދަކުރައްވާނެ ކަމަށެވެ. އެގޮތުން ކެންސަރަކީ ބަލި ފެތުރުމުގެ ކުރިން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ހެޔޮ ބަދަލުތަކުގެ ސަބަބުން ރައްކާތެރިވެވޭނެ ބައްޔެއް ކަމަށް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ސިއްހީ ދާއިރާއިން ހުށަހަޅާފައިވާ މެނިފެސްޓޯގައި ދެވަނައަށް އަލިއަޅުވާލާފައިވާނެ ކަމަކީ ބަލިވީމާ ދޭ ހިދުމަތް ނުވަތަ "ކިއުރެޓިވް ހެލްތް ކެއާ" ކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތް މިހާރަށް ވުރެ އެތައް ގުނައަކަށް އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ކުރައްވާނެ ކަމުގައެވެ.

އައިޖީއެމްއެޗް ވަނީ ވަރަށް ބޮޑަށް ވީރާނާވެ، ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިކަން ހާމަކުރައްވާ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް، އެ ހޮސްޕިޓަލުގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް އެތަނުން ދެވޭ ހިދުމަތްތައް ރަނގަޅުކުރުމާ އެކު، ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގޮތުގައި ފުޅާކުރައްވާނެ ކަމަށެވެ. އެގޮތުން ކެންސަރަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތް ދެވޭ ނިޒާމްތައް އެ ހޮސްޕިޓަލުގައި ގާއިމުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މީގެ އިތުރުންވެސް އިންޓަނޭޝަނަލް އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުން ކްލިނިކްތައް ގެނެސް އެމްޕެނެލް ކުރެވިފައިވާ ތަނަކަށް ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް ހަދާނަން،" - ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވަނީ އުތުރުން ކުޅުދުއްފުށީ ހޮސްޕިޓަލް އަދި ދެކުނުން ހިތަދޫ ހޮސްޕިޓަލުން ކެންސަރު ފަދަ މުހިންމު ބަލިތަކަށް އެންމެ މަތީ ފެންވަރުގައި ހިދުމަތް ދެވޭ ގޮތް ހަދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް