ads
ޝަކުވާ--
ޝަކުވާ
ނަވްޔާ ބަތްޕެން ބޮއި ނިމުމުން ނަސީމާ އެ ކޮޓަރިން ނުކުތީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އެ ރޭގެ ހާދިސާގެ ވާހަކަ ނަވްޔާގެ ދުލުން ބޭރު ނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވީތީއެވެ. އޯގާތެރިކަމުގެ ދަޅަ ދައްކައިގެން ނަމަވެސް ނަސީމާ ބޭނުންވިގޮތަށް އެ އަނދިރި ސިއްރު ވަންހަނާ ކުރެވިއްޖެކަމަށް ނަސީމާއަށް ޤަބޫލުކުރެވިފައިވެއެވެ.
Advertisement

ޝަކުވާ (27 ވަނަ ބައި)

ނަވްޔާ ބަތްޕެން ބޮއި ނިމުމުން ނަސީމާ އެ ކޮޓަރިން ނުކުތީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އެ ރޭގެ ހާދިސާގެ ވާހަކަ ނަވްޔާގެ ދުލުން ބޭރު ނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވީތީއެވެ. އޯގާތެރިކަމުގެ ދަޅަ ދައްކައިގެން ނަމަވެސް ނަސީމާ ބޭނުންވިގޮތަށް އެ އަނދިރި ސިއްރު ވަންހަނާ ކުރެވިއްޖެކަމަށް ނަސީމާއަށް ޤަބޫލުކުރެވިފައިވެއެވެ.

********

ނަމާދުކޮށް ނިމިގެން މުސައްލަމަތީގައި ނަވްޔާ އިނެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ހިތާހިތާ ދުޢާ ކުރެވެމުން ދިޔައީ ކެތްތެރިކަން ދެއްވުމަށެވެ. ކުރިމަތިވި ތޫފާނުން ބަލިކަށިވެފައިވާ ހިތަށާއި ނަފުސަށް ހިތްވަރު ލިބުމަށް އެދިއެވެ. އެކަމުގެ ސަބަބުން މުސްތަޤްބަލަށް ހިޔަނި އެޅޭކަށް ނަވްޔާ ނޭދެއެވެ. އެ ހިތުގައި މުސްތަޤުބަލާ މެދު ކުރެވޭ ފޮނި އުންމީދުތައް އަދިވެސް ވެއެވެ. މަންމަ އޭނާއާ މެދު ދެކުނު ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ އެދުމެވެ. ވެއްޓުނު ފުން ވަޅުގަނޑުން ތެދުވުމުގައި އެ އެދުން ހިތްވަރަކަށް ވިއެވެ. މާތްﷲ ކެތްތެރިންނާ އެކު ވޮޑިގެންވާކަމުގައި މަންމަ އަބަދު ވެސް ބުނެ އުޅޭ ހަނދާން ނަވްޔާ ވެއެވެ.

މުސައްލަ އޮޅާލުމަށްފަހު ތެދުވެ، ނަވްޔާ ދޮޅި ބޭލިއެވެ. އެ ވަގުތު ކޮޓަރީގައި ޓަކިޖަހައިލުމަށް ފަހު އަޒްކާ ބޯ ދިއްކޮށްލިއެވެ.  އަޒްކާގެ ކޮނޑާހަމައަށް އަރާ ފަން އިސްތަށިގަނޑު ދޫކޮށްލާފައިވެއެވެ. މޫނުމަތިން ފެންނަނީ ތާޒާކަމާއި އުފާވެރިކަމެވެ. އަޒްކާ ފެނުމުން ނަވްޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ފުޅާ ހިނިތުންވުމަކާ އެކު އަޒްކާ ވެސް އައިސް ނަވްޔާގެ ގައިގައި އޮޅުލައިގަތެވެ.

"ނަވް، ކިހިނެއް މިހާރު؟" އަޒްކާ އެހިއެވެ.

އަދި ދުރަށް ޖެހިލާފައި ރަނގަޅަށް ނަވްޔާއާ ދިމާއަށް ބަލައިއެވެ.

"ހާދަ ހިކިއްޖެއޭ. ކުރިން ވެސް ހިކި މީހެއް. މިހާރު ހީވަނީ ކަށި ކޮޅެއްހެން." އަޒްކާ ކަންބޮޑުވެފައި ބުނެލިއެވެ.

އަޒްކާ ނަވްޔާގެ ނިތްކުރިމަތީގައި އަތް ޖައްސައިލިއެވެ. އަދި ނަވްޔާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

"އަޒްކޯ، އަހަރެން މިހާރު ރަނގަޅޭ." އަޒްކާ އުޅޭ ގޮތުން ހިނިއައިސްފައި ނަވްޔާ ބުނެލިއެވެ.

ދެ އުކުޅުގައި އަތް ވިއްދައިލުމަށް ފަހު ނަވްޔާއާ ދިމާއަށް އަޒްކާ ބަލައިލިއެވެ. އަދި އެބަ އަންނަން ކަމުގައި ބުނެފައި ނުކުމެގެން ދިޔައެވެ. އިރުކޮޅަކުން އައީ ކޮށާފައި ހުރި އަނބުތައްޓެއް ހިފައިގެންނެވެ.

"މިއީ މާލެއިން ގަނެގެން ގެނައި އަނބުތަކެއް. އަހަރެން ކާ ހިތުން އުޅުނީމަ ހައްޔާން ގަތީ. ބައިވަރެއް ގަތޭ." އަޒްކާ ހީގަނެފައި ބުންޏެވެ.

"އަދި ބެންކޮކުން ނަވްއަށް ގެނައި އެއްޗެހި ވެސް ހުންނާނެ އިނގޭ. ފޮށި ވެސް ނުހުޅުވާ މިއައީ ނަވްގެ ހާލު ބަލަން ވެގެން." ނަވްޔާގެ އަތަށް ތަށި ދީފައި ކައިރީގައި އިށީންނަމުން އަޒްކާ ބުންޏެވެ.

ނަވްޔާ އުލުން އަނބުކޮޅެއް ނަގާ ކައިލިއެވެ. އަޒްކާ ހުއްޓުމެއްނެތި އެކި ވާހަކަ ދައްކަމުން ދިޔައެވެ. އަޒްކާގެ ބަދަލުނުވާ މިޒާޖުގެ ފެނިފައި ނަވްޔާއަށް ހިނިތުންވެލެވުނެވެ. އަޒްކާގެ ފަރާތުން އަބަދުވެސް ލިބެމުން ދިޔަ އަޅާލުމާއި ލޯތްބަށް ޓަކައި ޝުކުރުވެރިވެފައިވި ހިތަކައިގެންނެވެ.

"ނަވް، ކިހިނެއްވެފަ ތި އިންނަނީ؟" އިރުކޮޅަކު ވާހަކަދައްކަން އިނދެފައި އަޒްކާ އަހައިލިއެވެ.

"މާ ބޮޑަށް ވަރުބަލިވީތަ؟"

ނަވްޔާ ބޯ ޖަހައިލިއެވެ.

"އޯ ސޮރީ. މަށަށް މާ ގިނައިރު ވާހަކަދައްކަން އިނދެވުނީ ދޯ." އަޒްކާ ދެރަވެލާފައި ބުންޏެވެ.

ނަވްޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވައިލިއެވެ. އަދި ބަލިވި ފަހުން ގައިގައި ވަރު ނުޖެހޭތީ ވަރުބަލިވަނީ ކަމުގައި ބުންޏެވެ.

"ފަހުން އަންނާނަން އެނގޭ. އަދި އެބަހުރި ބައިވަރު ވާހަކަދައްކަން ވެފަ." ތަށި އަތުލާފައި ހިނގައިގަންމަން އަޒްކާ ބުންޏެވެ.

"ހޫނ، ދުވަހަކު ވެސް އަޒް ކޮގެ ވާހަކަ ހުސްނުވާނެ ކަން އެނގޭ." ނަވްޔާ ބުނެލިއެވެ.

ހެމުންހެމުން އަޒްކާ ނުކުމެގެން ދިޔުމުން ނަވްޔާ އޮށޯވެ ދެ ލޯ މަރައިލިއެވެ. އަޒްކާގެ ވާހަކަތަކުން ވަރުބަލިވީ ނަވްޔާގެ ސިކުނޑިއެވެ. ދެ ޖުމްލައިން އެއް ޖުމްލައިގައި ހައްޔާންގެ ނަން ބުނެފައި ނޫނީ އަޒްކާއަށް ވާހަކައެއް ނުބުނެވެއެވެ. ހައްޔާންގެ ނަން އިވުނީމާ އުނދަގޫ ވާކަން ނަވްޔާ ބުނެދޭނީ ކިހިނެއް ހެއްޔެވެ. އެކުވެރިޔާގެ ދިރިއުޅުން އާރާސްތުވި އިރު އަމިއްލަ ޙަޔާތް ބަރުބާދުވެއްޖެ ކަމުގެ އިހުސާސް ކުރެވެން ފެށުމުން ކަރުނައިން ދެ ލޯ ފުރިގެން އައެވެ. އަޒްކާއަށް ޓަކައި އުފާވި ނަމަވެސް އަމިއްލަ ހިތްދަތިކަމުގެ މައްޗަށް ނަވްޔާއަކަށް ކުރިއެއް ނުހޯދުނެވެ.

ބަދިގޭގައި އަތްމަތި އަވަސްކޮށްލާފައި އުޅެމުން ދިޔަ ނަސީމާ ފެނުމުން ހައިރާންވެފައި އިރުކޮޅަކު އަޒްކާއަށް ހުރެވުނެވެ. ބައްޕަ ބުނި ކަމުގައި ވީ ނަމަވެސް މަންމައަށް މިހާ ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އަޒްކާއަކަށް ނުވިސްނުނެވެ. އެންމެ ދެ ތިން ހަފްތާގެ ތެރޭގައި ހާދަ ކަމެއް ބަދަލުވެއްޖެއޭ އަޒްކާ ހިތަށްއެރިއެވެ. އިމާޒު މާލެ ބަދަލުވިއިރު އިޔާދުގެ ދެމަފިރިން ވެސް މިހާރު އުޅެނީ ޝަމްނާމެންގެ ގޭގައެވެ. ކީއްވެގެންތޯ އަޒްކާ އެހުމުން މަންމަ ބަލިވެ އުޅޭތީ ކަމަށް ޝަމްނާ ބުނި ނަމަވެސް އަޒްކާއަށް އެ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. ކުރިން ވެސް ޝަމްނާގެ މަންމައަކީ ބަލި މީހެކެވެ. ޝަމްނާ މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަނީ ޝަމްނާގެ ދެ ކޮއްކޮއެވެ. އިމާޒުގެ މިޖާޒުގައި އަދިވެސް ކުރީގެ ސަކަ ގޮތް ހުއްޓަސް މިހާރު ދައްކާ ވާހަކަތަކުގައި ހަރުދަނާކަން އެކުލެވިގެން ވާހެން އަޒްކާއަށް ހީވިއެވެ. ހެދިކާ ތެއްލަން ހުރި ނަސީމާއަށް އަޒްކާ ފެނުމުން ހީނލިއެވެ. އަދި ނަވްޔާ ކޮބައިތޯ އަހައިލުމަށް ފަހު އަނެއްކާ ވެސް މަސައްކަތަށް އެނބުރުނެވެ. ނަވްޔާ އަރާމު ކުރަނީ ކަމަށާއި ކޮށްދޭންވީ ކޮންކަމެއްތޯ އަޒްކާ އެހިއެވެ. ސިއްރުސިއްރުން ނަސީމާގެ ފޮޓޯއެއް ނަގާފައި  ތިރީގައި "ކެން ޔޫ ބިލީވް އިޓް؟" އޭ ޖަހާފައި އިމާޒަށް ފޮނުވައިލިއެވެ.

"ކާކު ހިތަށް އަރާނީ ތި ބޭބީ ވެސް އެހާ އަވަހަށް ބޮޑުވެދާނެއޭ." އިމާޒުގެ ޖަވާބު އަވަހެވެ.

އަޒްކާގެ ގާތަށް ހިނިއައެވެ. އެ ވަގުތު ނަސީމާ އެނބުރުނެވެ.

"މިހާރު މި ނިމެނީ. ހުމޭ މެން އަންނަން ވާ އިރަށް މަންމަ މިދަނީ ދެން ފެންވަރަން. ހުޔޫންގެ ގާތުގައި ވެސް ބުނިންދޯ އަންނަން؟" ނަސީމާ އެހިއެވެ.

"އާނ، މިއަދު އެ ގެއަށް ގޮސްފައި ބުނިން. ބުނި އަންނާނަމޭ." އަޒްކާ ބުންޏެވެ.

ނަސީމާއާ ވާހަކަދައްކަން ހުރެފައި، ތެލުލާފައި ހުރި ބަޖިޔާތަކުން ބަޖިޔަލެއް ނަގާ އަޒްކާ ކައިލިއެވެ. އެއާ އެކު ހޫނު ވެގެން ހަޅޭއްލަވައިގެންފައި ބިންމައްޗަށް ބަޖިޔާ ވައްޓައިލިއެވެ. ނަސީމާ ބޯ ހޫރުވައިލިއެވެ. މީހަކާ އިނީމަ ވެސް ޅަ ގޮތެއް ނުކެނޑޭ ހެއްޔޭ އެހިއެވެ. ޖަވާބެއް ނުދީ އެހެން ބަޖިޔަލެއް ނަގާފައި އަޒްކާ އެއަށް ފުމެން ފެށިއެވެ.

"މަންމަ މިދަނީ ދެން. އަޒްކޮ ސައި ހަދައިލައްޗޭ."

މޭޒުމައްޗަށް ސައި ނެގުމަށް ފަހު އަޒްކާ ސިޓިންގްރޫމަށް ނުކުތް އިރު ހައްޔާނާއި ނިޒާރު ވާހަކަދައްކަން ތިއްބެވެ. އެ ވަގުތު ބޭރުން އިޔާދާއި ޝަމްނާ އައިސް ވަނީ ޔަޝަލް ގޮވައިގެންނެވެ. ޔަޝަލް ފެނުމާ އެކު އަޒްކާ އަވަސް އަވަހަށް އެ ދިމާއަށް ދިޔައެވެ. ޔަޝަލް ނަގާ އުރާލުމަށް ފަހު ކޮލުގައި ކޮއްޓައިލިއެވެ.

"ދޮންބެދައްތާ، ދެން އަލުން މިކޮޅަށް ބަދަލުވާންވީނު." އަޒްކާ ބުންޏެވެ.

"އާނ، ބޮޑުދައިތަ ޔަޝްކޮ ބަލައިދެންޏާ ބަދަލުވާންވީ." ޝަމްނާ ސަމާސާ ކޮށްލިއެވެ.

އަޒްކާ ކުރުނުކޮށް ކިޔަން ފެށުމުން އެރޭ އެގޭގައި މަޑުކުރާނެ ވާހަކަ ޝަމްނާ ބުންޏެވެ. އިރުކޮޅެއް ނުވެ ހުމެއިދާގެ ދެމަފިރިންނާއި ހުޔޫން ވެސް އަތުވެއްޖެއެވެ. ތައްޔާރުވެގެން ނުކުމެފައި އެންމެން ގޮވައިގެން ނަސީމާ ދިޔައީ ކާގެއަށެވެ. ތަރުތީބު ކަމާ އެކު ސައި ހަދައިފައި ހުރިތަން ފެނުމުން ނަސީމާ ހިތްހަމަޖެހުނެވެ. ނަވްޔާއާ އެކު އަޒްކާ މަސައްކަތުގައި ބައިވެރިކުރުމުގެ ހެޔޮ ނަތީޖާ މިއަދު ފެނިއްޖެއެވެ. އެކި މީހުން އިށީންނަމުން ދިޔައިރު އަޒްކާގެ މިސްރާބު ހުރީ ނަވްޔާގެ ކޮޓަރިއާ ދިމާއަށެވެ. ނަސީމާގެ މޫނުމަތިން ކަންބޮޑުވުން ހިނދުކޮޅަކަށް ފާޅުވެލި ނަމަވެސް ދާދި އަވަހަށް އެ އަސަރު މޫނުމަތިން ފިލުވައިލައިފިއެވެ. ނަވްޔާގެ ކުށްވެރިޔާއާ ކުރިމަތިލާހާ ހިތްވަރެއް އަދި ނަވްޔާގެ ނުހުންނާނެކަން ނަސީމާއަށް އެނގެއެވެ. ކޮންމެ ވެސް ބަހަނާއެއް ދައްކާފައި ނަވްޔާ ނުނުކުންނާނެ ކަން ކަށަވަރެވެ. ކަންތައްވީ ނަސީމާ ހީކުރި ގޮތަށެވެ. އަދިވެސް ކެއްސާތީ މީހުންގެ ތެރެއަށް ނުކުންނަން ނަވްޔާ ބޭނުން ނުވާ ވާހަކަ އަޒްކާ ބުންޏެވެ. އަދި ތައްޓަކަށް ހެދިކާ އަޅަން ފެށުމުން އަޒްކާގެ މަގުސަދު ވިސްނިގެން ނަސީމާ ތެދުވިއެވެ.

"އަޒްކޮ އިށީނދޭ، މަންމަ އަންނާނަން ނަވްޔާއަށް ސައި ގެންގޮސްދީފަ." ނަސީމާ ބުންޏެވެ.

އަޒްކާގެ އަނގަ ހުޅުވުނެވެ. ހައްޔާން ގޮވައިލުމުން އަޒްކާ އެ ދިމާއަށް ދިޔައެވެ. އަދި ހައްޔާން އެދުނު ގޮތަށް ކޮފީ ތައްޓެއް ހަދަން ފެށުމުން ނަސީމާ ތައްޓަކަށް ހެދިކާ އަޅަން ފެށިއެވެ.

"މާ ބޮޑަށް ކެއްސަންޏާ މާމުޔާއި ލުނބޯ އެއްކޮށްފައި އަޅެ ދީބަލަ." ނަސީމާއާ ދިމާއަށް ބަލަން އިން ހުމެއިދާ ބުންޏެވެ.

"އާނ، ނިޒާރު ގާތުގައި ބުނެގެން މި އުޅެނީ މާމުއި ފުޅިއެއް ގަންނަން." ނަސީމާ ބުންޏެވެ.

"ހުންނާނެ ގަނެފަ." ނިޒާރު ބުންޏެވެ.

ނަވްޔާ މިރޭ ނިދުމުގެ ކުރިން ހަދާފައި ދޭނީ ކަމުގައި ނަސީމާ ބުނުމުން ނިޒާރު ހިތްހަމަޖެހިފައި އިނދެ ބޯ ޖަހައިލިއެވެ. ހެދިކާ ތައްޓާއި ޖޫސް ހިފައިގެން ނަވްޔާގެ ކޮޓަރިއަށް ނަސީމާ ހިނގައިގަތުމުން ރުޅިވެރިކަމާ އެކު ހުޔޫން ތުން އަނބުރައިލިއެވެ.

އެންމެން ވެގެން މާވަރަކުން ނަވްޔާއާ ހެދި އުޅޭތީ ޝަމްނާ ވެސް އިނީ ފޫހިވެފައެވެ. ނަވްޔާ ނުނިކުމެ މަޑު ކުރިކަން ނަސީބެކޭ ވެސް ހިތަށްއެރިއެވެ. އެހެންނޫން ނަމަ ޝަމްނާ ޖެހޭނީ އިޔާދުގެ ނަޒަރު ނަވްޔާއަށް ހުއްޓޭތޯ ފާރަވެރިވެ، ބަލަބަލާ އިންނާށެވެ. ގެއަށް ބަދަލުވާން ބޭނުން ވާހަކަ ޝަމްނާ ބުނުމުން ހީކުރިގޮތާ ޚިލާފަށް އިޔާދު ނުހަނު ފަސޭހައިން އެއްބަސްވިއެވެ. ނަސީމާގެ ފަރާތުން ވެސް އެއްވެސް ދެކޮޅުހެދުމެއް ނުފެނުމުން ޝަމްނާ ހައިރާންވި ނަމަވެސް ލިބުނު ފުރުޞަތުގެ ބޭނުން ހިފީ ބައިވަރު ސަބަބުތަކަށް ޓަކައެވެ. ކުރިން އަތުން ފައިން އެއްވެސް ކަމެއް ނުކޮށް، ނަވްޔާ ލައްވާ ހުރިހާ ކަމެއް ކޮށްގެން އުޅެވުނު ނަމަވެސް މިހާރު އެހެން ނުވާނެކަން ޝަމްނާއަށް ވެސް އޮތީ ވިސްނިފައެވެ. ނަސީމާއަކީ އެއް އިރެއްގައި ވެސް އަޅައިލި މީހެއް ނޫނެވެ. ހައްޔާންމެންގެ ގެއަށް އަޒްކާ ބަދަލުވެއްޖިއްޔާ ޝަމްނާއަށް އެހީވެދޭނެ އެކަކު ވެސް ނުހުންނާނެއެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޝަމްނާގެ މަގުސަދަކަށްވީ ނަވްޔާގެ ހިޔަނި ވެސް ނޭޅޭ ހިސާބަށް އިޔާދު ގެންދިޔުމެވެ. އެހެން ބައެއްގެ ކައިރީގައި އުޅެން ފެށުމުން އިޔާދުގެ އުޅުން އިސްލާހު ކުރަން ފަސޭހަ ވާނެ ކަމުގައި ޝަމްނާއަށް ޤަބޫލު ކުރެވުނެވެ.

ސައި ހިފައިގެން ނަސީމާ ވަން އިރު ނަވްޔާ އޮތީ ބިތްދޮށަށް އެނބުރިއެވެ. ތަށިތައް މޭޒުމަތީގައި ބަހައްޓާފައި ނަސީމާ އެނދާ ގާތަށް ޖެހިލިއެވެ. ނަވްޔާ ރޮނީކަން އެނގުމުން އެނދުގައި އިށީނދެފައި ނަވްޔާގެ ބުރަކަށީގައި ނަސީމާ އަތް ޖައްސައިލިއެވެ.

"ނަވްޔާ، ތެދުވޭ ސައިބޯން. ތިހެން އަބަދު ރޮއި ހަދަންޏާ ބޮޑުބެއަށް ވެސް އެނގިދާނެ. އޭރުން ބޮޑުބެގެ ހިތްހަލާކު ވެދާނެ. ނަވްޔާއަށް ތި ހާލު ޖެއްސި މީހަކު އެނގިއްޖިއްޔާ އެ މީހާގެ ދުވަސް ދުއްވާލާނެ. އެ ހެޔޮވާނެ ދަރިއަކަށް ވިޔަސް. އޭރުން ވެސް ބަދުނާމު ވާނީ ބޮޑުބެ ދޯ."

ނަވްޔާ މަގަތަށް އެނބުރިފައި ތެދުވެ އިށީނެވެ. އާދޭހުގެ ނަޒަރަކުން ބަލާލައިފައި ނަސީމާގެ އަތުގައި ހިފިއެވެ.

"ނަސީމާއްތާ، ހެޔޮނުވާނެ. އަހަރެން މިތަނުން ނެރެދީ. ބޮޑުބެ ކައިރީގައި ބުނެގެން އަހަރެން މާލެ ފޮނުވައިދީ. މިތަނުގައި އަހަރެންގެ ނޭވާ ހާސްވޭ. އެ މީހާގަނޑުގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަހަރެންގެ ނެތް. އެމީހާއާ އެއްފުރާޅެއްގެ ދަށުގައި އެންމެ ސިކުނތެއްގައި ވެސް ހުންނާކަށް ބޭނުމެއް ނޫން. ހަމަ މިހާރު ގޮސް އެ ނުލަފާ އިންސާނާގެ މޫނު ނޮޅައިލާނަން. އެކަމަކު އަނދިރި ދެކެ އަހަރެން ބިރުގަނޭ. ޕްލީސް ނަސީމާއްތާ، މިރޭ ނަސީމާއްތަ މިތާ އޮންނައްޗޭ."

ރޮމުން ނަވްޔާ ވާހަކަ ދެއްކިއިރު އެކި ފަހަރު މަތިން ބޭރުވަމުން ދިޔައީ އެކި އިހުސާސްތެކެވެ. ހިތާމައާއި ރުޅީގެ އިތުރުން ބިރުވެރިކަމެވެ.

ކިތަންމެ ބޭނުން ނުވި ނަމަވެސް ނަވްޔާ ހަމައަކަށް އެޅެން ދެން އެތާގައި މަޑުކުރުން ނޫން ގޮތެއް ނަސީމާއަކަށް ނުފެނުނެވެ. ނިޒާރު ކައިރީގައި ބުނެގެން ދެތިން ދުވަސް ތެރޭގައި މާލެ ފޮނުވައިދޭނެ ވާހަކަ ބުނުމުން ނަވްޔާ ކުޑަކޮށް ހަމައަކަށް އެޅުނެވެ. ފުރަންދެން އެ ކޮޓަރީގައި ނަސީމާ އޮންނާނެ ވާހަކަ ބުނެ ނަވްޔާގެ ހިތްހަމަ ޖައްސައިދިނެވެ. ނަވްޔާ ތެދުވެ ފާޚާނާއަށް ވަނުމުން ނަސީމާ  ދާން ހިނގައިގަތީ އެހެން މީހުންނާ އެކު ސައިގައި ބައިވެރިވުމުގެ ނިޔަތުގައެވެ. މިހާރު އެންމެން ސައިބޮއި ނުނިމޭކަމެއް ވެސް ނޭނގެއެވެ. އަވަސްއަވަހަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފާޚާނާ ތެރެއިން ނަވްޔާ އޯކާ ދެމޭ އަޑު އިވިފައެވެ.

(ނުނިމޭ)

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް