ކޮލެޖު/ޔުނިވާސިޓީތަކަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތުގެައި ޖުމްލަ 31 ޓީމުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބިޒްނަސް ސްކޫލުން ކާމިޔާބުކުރީ ފައިނަލް މެޗުގައި ކްލިކް ކޮލެޖާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ބިޒްނަސް ސްކޫލްގެ ކެޕްޓަން ފިރުޝާނާ ނަސީރެވެ. ޖުމްލަ 22 ލަނޑާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ އެވޯޑުވެސް ހޯދީ ފިރުޝާނާއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްއެންޔޫބީއެސްގެ އާޔާ އަހުމަދު އަބޫބަކުރު އަދި ފިރުޝާނާގެ އިތުރުން، ކްލިކް ކޮލެޖުގެ މަރިޔަމް ފޯސައިތު ރޮވީނާ، ޝީނީޒް މުހައްމަދު އަދި މަރިޔަމް މިރުފަތުއެވެ.
ފިރިހެން ޑިވިޝަންގެ ތަށި ބީއެސްއިން ކާޏިޔާބުކުރީފައިނަލް މެޗުގައި 3-1 އިން ޕޮލިޓެކްނިކް ބަލިކޮށްގެންނެވެ. ބީއެސްއިން ފައިނަލް މެޗު ކާމިޔާބުކުރީ ޕޮލިޓެކްނިކުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ބީއެސްގެ އަހުމަދު ރިޔުޝާންއެވެ. ރިޔުޝާންގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ބީއެސް ޓީމުގެ އަހުމަދު އަނާން، މުހައްމަދު ނާބިތު ހުސައިން، އަނޫފް އަޙުމަދު އަދި ޕޮލިޓެކްނިކްގެ ހުސެއިން މައިސަންއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ބީއެސްގެ ކޯޗު އަހުމަދު ނިސާމްއެވެ.
މިއީ މުބާރާތުގެ ދެވިޝަންގެ ތަށި އެއް ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ކާމިޔާބީއާއެކު ބިޒްނަސް ސްކޫލުން ވަނީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމުގެ ރެކޯޑު ހަދާފައެވެ. އަންހެން ޓީމުން ދެފަހަރު މުބާރާތް ކާމިޔާބުކުރިއިރު، ފިރިހެން ޓީމުން ވަނީ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ.