ads
ރަސްފަރި ފަރަށް އެރި ބޯޓު: ތިމާވެށީގެ މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާތަކުން 263 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައި - ފޮޓޯ:އަވަސް
ތިމާވެށީގެ މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާއިން 263 މިލިއަން ނުލިބޭ
ތިމާވެށީގެ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާތަކުން މިހާތަނަށް 263.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތަކާ ހިލާފުވެގެން ކޮންމެ އަހަރަކުވެސް ގިނަ ފިޔަވަޅުތަކެއް އަޅައި، ބޮޑެތި އަދަދުތަކުން އެކި ފަރާތްތައް ޖޫރިމަނާކުރާ ކަމަށެވެ.
އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެކި މީހުންނާއި ކުންފުނިތައް ހިމެނޭހެން 13 މައްސަލައެއްގައި 19 ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ 11 ފަރާތަކުން ކަމަށް އީޕީއޭއިން ބުނެ އެވެ. އަށް ފަރާތަކުން ޖޫރިމަނާ ފައިސާ ދައްކާފައެއް ނުވެއެވެ. އެންމެ ގިނައިން ފިޔަވަޅު އަޅާފައިވަނީ ފަރަށް އެރުމުގެ މައްސަލަތަކުގައެވެ.
އީޕީއޭއިން ދައުލަތުގެ މީޑިއާ އާ ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 892.3 މިލިއަން ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ 629.2 މިލިއަން ރުފިޔާ ކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން ބުނެފައިވަނީ 263.1 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. 

އީޕީއޭއިން ބުނި ގޮތުގައި ޖޫރިމަނާކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އުޅަނދު ފަރަށް އެރުމާއި ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގޯނާކުރުމާއި ގަވާއިދާ ހިލާފަށް ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ގަވާއިދާ ހިލާފުވުމާ އަދި ގޮނޑުދޮށުން ވެލި ނެގުން ހިމެނޭ ކަމުގައެވެ.
އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ އުޅަނދުފަހަރު ފަރަށް އެރި މައްސަލަތަކުގައި ކަމަށްވާއިރު، އެފަދަ މައްސަލަތަކުގައި ޖުމްލަ 234.5 މިލިއަން ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ.

އީޕީއޭއިން ޖޫރިމަނާކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި:

  • ޖޫން މަހުގެ ތެރޭގައި ބ. ކެޔޮދޫގައި ވެލާތަކަކަށް ގޯނާކުރުމާއި ގުޅިގެން ހަތް މިީހުން، ކޮންމެ މީހަކު 33،000 ރުފިޔާއިން ޖޫރިމަނާ ކުރި. ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަަލަށް އެ ހުރިހާ އެންމެން ވަނީ ޖޫރިމަނާ ފައިސާ ދައްކާފައި.
  • ހއ. ދިއްދޫ ފަރަށް ބާޖަކާއި ޓަގު ބޯޓެއް އުރުނު މައްސަލަ އާއި ކ. އަތޮޅު ބޮޑު ގިރި އަދި ކ. ވާވެއްދި ފަރަށް ޓަގު ބޯޓެއް އެރި މައްސަލައިގެ އިތުރުން އެމްއެސްވީ މަރިއާ ސިންތަޔާތިޔައި ރިޔަން ކ. އަތޮޅު ކުޑަގިރި ފަރަށް އުރުނު މައްސަލައިގައި ކުށްވެރިވި ކުންފުނިތައް ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާކޮށްފައި.
  • އެގޮތުން އެޗްއާރުއެސް އިންފްރަޓެކް ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި. ދި މިޑްލްއީސްޓް މެރިން އެލްއެލްސީ 131.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އެސްއެމްޓީޓީ ޖެސިންތާ ވަނީ 3.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި.

ޖޫރިމަނާގެ ފައިސާ ލިބުމުގައި ދަތިވާ މައިގަނޑު އެއް ސަބަބަކީ އެ އެޖެންސީން ތަންފީޒު ކުރަމުން އަންނަ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުލިބުން ކަމަށް އީޕީއޭއިން ބުނެއެވެ. ސަރުކާރުގެ އެ އިދާރާތައް ޖަވާބުދާރީ ކުރުވުމުގެ ބާރު ލިބިފައިނުވާކަން ފާހަގަކޮށް އީޕީއޭއިން ބުނެފައިވަނީ އެކަމުގެ ސަބަބުން ޖޫރިމަނާގެ ފައިސާ ލިބުމުގައި ދަތިވާ ކަމަށެވެ.

އެ އެޖެންސީން ޖޫރިމަނާކޮށްފައިވާ އާންމު ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަރަށް އުރޭ އުޅަނދުތަކާ ގުޅިގެން ކޮށްފައިވާ ބައެއް ޖޫރިމަނާތަކަކީ ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނޭ މައްސަލަތަކަށް ވާތީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެފަރާތްތައް ޖޫރިމަނާގެ ފައިސާ ނުދައްކާ ހުންނަ ކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން ބުނި ގޮތުގައި އެ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ކޯޓުގައި ހޭދަވާ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން އެފަރާތްތަކުން ދައްކަން ޖެހޭ ރުފިޔާ ދެއްކުމުގައި ދަތިތައް ދިމާވާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް