ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކަށް ދައްކާ ގޮތުން:
- މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 24.8 ބިލިއަން ރުފިޔާ
- ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 33.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
- އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 9.07 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި
މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި ބަޖެޓު ދަރަނި ނުވަތަ ޑެފިސިޓުގެ ގޮތުގައި އަރާނެ ކަމަށް އަންދާޒާކޮށްފައިވަނީ ޖުމްލަ 8.6 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އަހަރު ނިމެން ތިން މަހަށްވެފައިވާއިރު، ބަޖެޓުގެ ދަރަނި ވަނީ އެ އަދަދަށްވުރެ 453.4 މިލިއަން ރުފިޔާ ބޮޑުވެފައެވެ. ބަޖެޓުގެ ހަރަދާއި އާމްދަނީގެ ފަރަގަކީ ދަރަންޏަށް އެކި ގޮތްގޮތުން ފައިސާ ނަގައިގެން ހަމަޖައްސާ ކަމަކަށް ވުމާ އެކު، ބަޖެޓު ދަރަނި އިތުރުވާ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނިވެސް ދާނީ އިތުރުވަމުންނެވެ.
ނިމުނު އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ދަރަނީގެ ގޮތުގައި އަރާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ބަޖެޓުގެ ދަރަނި ވަނީ 2.5 ބިލިއަން ރުފިޔާ ބޮޑުވެފައެވެ.
ބަޖެޓުގެ ދަރަނި މުޅި އަހަރަށް އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވެފައިވާއިރު، ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އާސަންދައިގެ ހަރަދުތައް ކުޑަ ކުރުމަށާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމަށް ބައެއް ސިޔާސަތުތައް ބަޖެޓުގައި ހިމެނިއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުން ލަސްވުމާ ގުޅިގެން ދައުލަތުގެ ދަރަނި އިތުރުވެ، ދަރަނި އަދާކުރުމުގެ ގާބިލުކަން ކުޑަވަމުންދާކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.
ވޯލްޑް ބޭންކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދައިދޭ ފިޗް ރޭޓިން އެޖެންސީން ވަނީ ބަޖެޓު ޑެފިސިޓު އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެ، ދައުލަތުގެ ޖުމްލަ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ ބޮޑުވާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.