ads
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް: ބިދޭސީން ރާއްޖެ ދޫކޮށްދާއިރު ޕެންޝަން ފައިސާ ނެގޭ ގޮތް ވަނީ ހަދާފައި - ފޮޓޯ:ކޮރަލް ގްލާސް
ރާއްޖެ ދޫކޮށްދާ ފުރަތަމަ ފަހަރު ބިދޭސީންނަށް ޕެންޝަން ފައިސާ ނެގޭނެ
ޕެންޝަންގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެ ދޫކޮށްދާ ފުރަތަމަ ފަހަރު ފައިސާ ހޯދަން ހުށަހެޅޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.
Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގެޒެޓުކުރި ރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިވެރިކުރުމާއި ސްކީމްގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގައި ބުނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށް ދިއުމަށް ނިންމައިފި ނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅިދާނެ ކަމަށެވެ. އެ ގަވާއިދުގައި މީގެ ކުރިން ވާ ގޮތުން ނަމަ ޕެންޝަން ފައިސާ ހޯދުމަށް އެފަދަ ފަރާތަަކުން ހުށަހަޅަން ޖެހޭނީ ފުރައިގެން ދިއުމުގެ ތިން މަސް ކުރިންނެވެ.

ޕެންޝަން އޮފީހުން އެކުލަވާލާ އާންމުކުރި ގަވާއިދުގައި ބުނެފައިވަނީ ޕެންޝަން ނަގާފައިވާ ބިދޭސީ މުވައްޒަފަކަށް ދެ ވަނަ ފަހަރަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭނެ ކަމަށެވެ. އެހެންނަމަވެސް، ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެ މީހަކަށް 65 އަހަރު ފުރުމުން ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދުގައި ބުނީ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރަން ޖެހެނީ ރުފިޔާއިން ކަމަށްވާއިރު، އެ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި ނުވަތަ އެ ބިދޭސީއަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށް ކަމަށެވެ.

ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ރިޓަޔަމެންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ އެންމެހާ ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ ކަމަށް ޕެންޝަން އޮފީހުން ނެރުނު އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އެ ގަވާއިދުގައި ވަނީ އެގޮތަށް ހުށަހަޅާއިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެ މީހުންނަށް ޕެންޝަން ފައިސާ ހައްގުވާ ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް އެ އޮފީހަށް ހުށަހަޅަންވާނެ ކަމަށެވެ.

ބިދޭސީ މުވައްޒަފުން ޕެންޝަނުގައި ބައިވެރިވުމަކީ އެ މުވައްޒަފަކަށް ވަޒީފާ ދިން ފަރާތެއްގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް