ads
ޗޯޓު ކްލަބުގައި އަދި ގައުމީ ޓީމުގެ ޖޯޒީގައި
ޖޯޒީ ނަންބަރާ ސޯޓު ނަންބަރު ދިމާނުވީ އޮޅިގެން: ޗޯޓު
މިދިޔަ ހަފްތާގައި މާލޭގައި ގައުމީ ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި، ދިވެހި ޓީމުގެ ޒުވާން ފޯވާޑް ހަސަން ނަޒީމް - ޗޯޓުގެ ޖޯޒީ ނަންބަރާ ސޯޓު ނަންބަރު ދިމާނުވެ ކުޅެން އެރުނީ އޮޅިގެން ކަމަށް އެފްއޭއެމުންވެސް އަދި ކުޅުންތެރިޔާވެސް ބުނެފިއެވެ.

މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ޓީމުގެ ނަންބަރު 15، ޗޯޓު ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހުކޮޅުއެވެ. އެ މެޗުގައި ރާއްޖޭން ޖެހި ލަނޑުވެސް ޖެހި މި ކުޅުންތެރިޔާ ކުޅެން ނުކުތް އިރު 15 ނަންބަރު ޖޯޒީއާއެކު ބޭނުންކޮށްފައިވަނީ 14 ނަންބަރު ސޯޓެވެ. އެކަން އޭރު މެޗު އޮފިޝަލުންނަކަށްވެސް ފާހަގަ އެއް ނުކުރެވެއެވެ. 

ގައުމީ ޓީމުގައި 15 ނަންބަރު ޗޯޓު ބޭނުންކުރިނަމަވެސް ކްލަބުގައި އޭނާގެ ނަންބަރަކީ މިހާރު 14 އެވެ. އޭނާވަނީ މާޒިޔާއިން މާލޭގައި ކުޅުނު އޭއެފްސީ ކަޕް މެޗުގައިވެސް ކުޅެން ނުކުމެ ލަނޑުވެސް ޖަހާފައެވެ. 

މިވަގުތު ގައުމީ ޓީމާއެކު ބަންގްލަދޭޝްގައި ހުރި ޗޯޓު ބުނީ، ޖެހިޖެހިގެން ދެ މީހުން އިނުމާއެކު އޮޅިގެން ނުބައި ސޯޓެއް ބޭނުން ކުރެވުނީ ކަމަށެވެ. އެއީ ސޯޓު ނެތިގެން ނޫން ކަމަށްވެސް ޗޯޓު ބުންޏެވެ. 14 ނަންބަރު ކުޅުންތެރިޔާގެ ގޮތުގައި އެ ދުވަހު ކުޅުނީ، ހައިޝަން ހަސަންއެވެ. އޭނާ މެޗުގައި ފުލްކޮށް ކުޅުނެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވެސް ވިދާޅުވީ، އެއީ ކްލަބުގައި 14 ނަންބަރަށް ކުޅޭ ޗޯޓުއަށް އޮޅިގެން ނުބައި ސޯޓެއް ލެވުނީ ކަމަށެވެ. އަދި އެކަން މެޗު ގަޑީގައި މެޗު އޮފިޝަލުންވެސް ފާހަގަ ނުކުރެވުނު ކަމަށް ޖަވާޒް ވިދާޅުވިއެވެ. ބައެއް ފަހަރު އެހެން ދިމާވާ ކަންކަން ރެފްރީ އެސެސަ ނޯޓް ކުރާ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. 

މާލޭގައި ބަންގްލަދޭޝްއާ ރާއްޖެ ކުޅުނު މެޗުގެ ރެފްރީކަން ކޮށްފައިވަނީ އިރާނުގެ ޓީމަކުންނެވެ. މެޗު ކޮމިޝަނަކަށް ޔޫއޭއީ އޮފިޝަލަު އެ ދުވަހު ހުރިއިރު، ރެފްރީ އެސެސަރަކަށް ހުރީ ބަހްރޭން މީހެކެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް