ހުސްގަޔާ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި ނިދާފައި އިނދެގެން ހައްޔަރުކުރީ، 29 އަހަރުގެ ޒުވާން ފިރިހެނެކެވެ. ދެކުނުގެ ރަށަކަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތުގައެވެ.
މި މީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. ބަންދު މަޖިލީހުގައި އޭނާ ބުނެފައިވަނީ، އޭނާ ހުސްގަޔާ އިނީ ބުރަކަށީގައި ބޭހެއް އުނގުޅައިގެން ދިލަ ނަގާތީ ކަމަށެވެ. އެހެން އިންދާ ނިދުނީ ކަމަށް އޭނާއާ ހަވާލާދީ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ.
ކޯޓުން އެ މީހާ ދޫކޮށްލިނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުންވަނީ ކަނޑައަޅާފައެވެ.