އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވަނީ ސިއްހީ ނިޒާމުގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވީ ލެބޯރެޓަރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވާއިރު އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.
"ކޮންމެ އަހަރަކު ދެ ފަހަރު ޕީއޯ ރެއިޒް ކުރަމުން މިދަނީ މިފަދަ ސާމަނަށް. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރު ވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުހަވަށް ބޭނުންވާ ސާމާނަށް ޕީއޯ ނުވަތަ އޯޑާ ރެއިސް ކޮށްފައެއް ނުވޭ،"
މިހެންކަން ކުރުމުގެ ސަބަބުން ހޮސްޕިޓަލްތަކާ ސިއްހީ މަރުކަޒުތަކުގެ ހިދުމަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހާލަތު މިގޮތަށް ދެމިގެން ގޮސްފި ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް"
މިހާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން ގެންދަނީ އިމެޖެންސީ ސްޓޮކްގައި ހުރި ސާމާނު ބޭނުންކޮށްގެންނެވެ.
މިހާތަނަށް ސާމާނަށް އޯޑަރު ނުކުރީ ފައިސާ ހަމަނުޖެހި އޮތުމުން ކަމަށް އިންތިގާލީ ތަރުޖަމާން ވިދާޅުވިއެވެ.