ޑީ.އެމް.އާރް.އާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް 5K ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިންގ ކްލިނިކް ކުރިއަށް ދާނީ މިއަންނަ އާދީއްތަ ދުވަހު (22 އޮކްޓޫބަރު)ގެ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައެވެ. މި ރަނިންގ ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް http://bit.ly/3QjGxuB މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މި ރަނިންގ ކްލިނިކުން ދަރިވަރުންނަށް ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ކޯޗިންގ އިރުޝާދު ލިބޭނެއެވެ. މީގެ އިތުރުން، ޑީ.އެމް.އާރް.އާރް 2023 ގެ މެޑިކަލް ޕާޓްނަރ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. 4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ޑީ.އެމް.އާރް.އާރްއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: www.dmrr.mv