ބީއެމްއެލުން ބުނީ ބްރާންޗް އަދި ސާވިސް ސެންޓަރުން ހިދުމަތް ހޯދުމަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތައް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިއަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީހާއި ގަޑި ފަސޭހަކަމާ އެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.
އެޕޮއިންޓްމަންޓް ޕޯޓަލްއަށް ގެނައި ބަދަލާ އެކު، ޕާސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި އެ ބޭންކުގެ ޓީމާ ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިން އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެ ބޭންކުގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށެވެ.
ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލްއަށް ވަދެވޭނެއެވެ.