ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ރެއާލްގެ ފެޑެރިކޯ ވަލްވާޑޭ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ލީޑު ނެގީ ސެވިއްޔާއިންނެވެ. މިއީ ރެއާލްގެ ޑޭވިޑް އަލަބާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ސެވިއްޔާއަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ހަތަރު މިނެޓުއެވެ. ޓޮނީ ކްރޫސްގެ އެހީތެރިކަމާއެކު ޑެނީ ކަވަހާލް ވަނީ ލަނޑެއްޖަހާ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި މެޗު އެއްވަރުވުމުން އެންމެ ބޮޑަށް ވިދާލީ ސެވިއްޔާގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. ސެވިއްޔާއިން ކްލަބް ފުޓްބޯޅަ ކެރިއަރު ފެށި ރާމޯސްގެ އެންމެ ކާމިޔާބު އަހަރުތައް އޭނާ ގުނީ ރެއާލް މެޑްރިޑްގައެވެ. އޭނަ ވަނީ ރެއާލްއަށް 17 އަހަރު ކުޅެފައެވެ. އޭގެ ފަހުން ޕީއެސްޖީގައި ދެއަހަރު ހޭދަކުރުމަށްފަހު އޭނާ އަނެއްކާވެސް ބަދަލުވީ ސެވިއްޔާއަށެވެ.
މީގެ އިތުރުން، އޭނާ ވަނީ މި މެޗުން ސެވިއްޔާ ބަލިނުވެ ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރެއާލްގެ ގިނަ ހަމަލާތަކެއް ރާމޯސް ވަނީ ދިފާއު ކޮށްފައެވެ.
މި ނަތީޖާއާއެކު ރެއާލްއިން ތާވަލުގެ އެއްވަނާގައި އޮތީ 25 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ ސެވިޔާ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ 13 ވަނާގައެވެ.