މުބާރާތް ފެށީ އާދީއްތަ ދުވަހުގެރޭއެވެ. ހުރިހާ މެޗެއްވެސް ކުރިއަށް ދާނީ މާލޭގެ އެކުވެނި ޓާފް ވޮލީ ކޯޓުގައެވެ. މުބާރާތް ތާވަލުކުރެވިފައިވަނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރުގެ މުބާރާތުގައި 19 ސްކޫލަކުން 42 ޓީމު ވަނީ ބައިވެރިވެފައެވެ. އެގޮތުން ފިރިހެން ޑިވިޝަންގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ހަތަރު ޓީމަކުން ވާދަކުރާއިރު، 16 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ހަ ޓީމު ވާދަކުރާނެއެވެ.
އަންހެން ޑިވިޝަންގެ 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރަނީ، ކޮންމެ އުމުރުފުރާއަކުން އަށް ޓީމެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ފަސް ޓީމު ވަނީ ބައިވެރިވެފައެވެ.
މުބާރާތުގައި މިރޭ ކުޅުނީ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ވާދަކުރީ އދ އަތޮޅު މަދަރުސާ އާއި ކެޔޮދޫ ސްކޫލެވެ. މި މެޗު ސީދާ ދެސެޓުން ކާމިޔާބުކުރީ އދ އަތޮޅު މަދަރުސާއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އދ އަތޮޅު މަދަރުސާގެ ޝައިހާން ޝަމީނެވެ.
ދެވަނަ މެޗުގައި މަޖީދިއްޔާ ސްކޫލާއި ވާދަކޮށް ހުރަވީ ސްކޫލުން މެޗު ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރަވީ ސްކޫލުގެ މުހައްމަދު އަކްސަމް އަމްޖަދެވެ.