ads
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް: މަސައްކަތްތެރިން ރައްކާތެރި ކުރާ ބިލު އަވަސްކުރަން އެމްއެންއޭސީއައިއިން ވަނީ ގޮވާލާފައި - ފޮޓޯ:ކޮރަލް ގްލާސް
މަސައްކަތްތެރިން ރައްކާތެރި ކުރާ ބިލު އަވަސްކުރަން އެމްއެންއޭސީއައިއިން ގޮވާލައިފި
މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު" ބިލް އަވަސްކުރަން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ގޮވާލައިފިއެވެ.
Advertisement

މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންއޭސީއައިއިން ގޮވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށި އެއާޕޯޓުގަ އާއި ހޮނިހިރު ދުވަހު ހދ. މަކުނުދޫގައި ހިނގި ގޭސް ފުޅި ގޮވުމުގެ ހާދިސާގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާ ލިބި އަދި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.

އެމްއެންއޭސީއައިއިން ބުނީ މި ހާދިސާތަކާ ގުޅިގެން މި ދެ ހާދިސާގެ އެއްގޮތްކަން ބޮޑުކަމުން މި ބާވަތުގެ މަސައްކަތާއި މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތީގެ ރައްކާތެރިކަމާ މެދު އެ އެސޯސިއޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ބިދޭސީ ކޮންޓްރެކްޓަރު މަސައްކަތް ކުރިއަސް އަދި ދިވެހި ކޮންޓްރެކްޓަރަކު މަސައްކަތް ކުރިއަސް މަސައްކަތް ކުރާ ސައިޓާއި ގެންގުޅޭ ތަކެއްޗާއި އާލަތާއި ވަކީން ހާއްސަކޮށް ނުރައްކާތެރި ކެމިކަލްތަކާއި ގޭހާއި މިފަދަ އެހެނިހެން ރައްކާތެރިކަމާއި ފެންވަރާއި އެތަކެތި ގެންގުޅޭ ގޮތާއި ބޭނުންކުރާ ގޮތާއި ރައްކާކޮށްފައި ބަހައްޓާ ގޮތާއި އަދި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމާއި ސިއްހަތުގެ ސަލާމަތަށްޓަކައި އަޅާފައި ހުންނަ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮންނަ އުސޫލަކާ އެއްގޮތަށް ބަލައި މަސައްކަތް ކުރާ މީހުންނާއި ވަށައިގެން ދިރިއުޅޭ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ އެ ކަންކަމަކީ ވަޒީފާ އާ ބެހޭ ގާނޫނާއި އިމާރާތްކުރުމުގެ ގާނޫނުންވެސް ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަންކަން ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ބިލް އަވަސްކޮށް، އެ ގާނޫނަށް އަމަލު ކުރުމަށާއި މި ވަގުތަށް އެ އެސޯސިއޭޝަނުން 2010 ވަނަ އަހަރު ނެރެފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގައިޑްލައިނަށް އަމަލުކުރަމުން ދިއުމަށް އެމްއެންއޭސީއައިގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ. އެ ގައިޑްލައިން ދިވެހި ބަހާއި އިނގިރޭސި ބަހުން އަދި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިތުރު ހަތް ގައުމެއްގެ ބަހުން ތަރުޖަމާކޮށް، އެ އެސޯސިއޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ.

އެމްއެންއޭސީއައިއިން ނެރުނު އެ ބަޔާނުގައި ވަނީ ރާއްޖޭގައި މި ބާވަތުގެ ހެވީ މަސައްކަތް ކުރާ ނުރައްކާތެރި ތަކެތި ގެންގުޅޭ ފަރާތްތަކާއި އެހެނިހެން މަސައްކަތް ކުރަމުންދާ ތަންތަން ބަލައި ރައްކާތެރިކަން ޔަގީން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން އެ މަސައްކަތަކަށް އެންމެ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތުގެ ސައިޓުތައް ބަލައި ކަންކަން އިސްލާހުކުރުމުގެ ފިޔަވަޅުއަޅަމުން ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް