ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި "މިހާރު" ނޫހުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އަބަދުވެސް ބޭނުންފުޅުވަނީ މަސްވެރިކަމުގެ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާއި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާ، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާ، މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްގީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހި އިގުތިސާދު ވެއްޓިފައި އޮތް އަނދަވަޅުގެ އެންމެ ފުނުން މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;