ads
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް: ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކޮށް ހުށަހަޅާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ނޫން ކަމަށް ވިދާޅުވި - ފޮޓޯ:މަޖިލިސް
"ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނުގައިވާ ގޮތަކަށް ނޫން"
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކޮށް ހުށަހަޅާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ނޫން ކަމަށް ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ފޮނުވިއިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ އެއްޗެއްގެ ހިސާބާއި ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފުސީލު ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑުބައި ހިމެނިފައިވާ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ހާއްސަ ބަޖެޓުން ހަރަދުކުރާނެ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތްކަން ބަޖެޓު ބަޔާންކުރާ ލިޔުމުން އެނގޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ.

މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމެންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގައި ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް އެ ސިޓީގައި ބުނެ އެވެ.

އާޒިމްގެ ސިޓީގައި ވަނީ މި އަހަރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހަމަތައް ކަށަވަރު ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފުސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު އަދާކުރުމަށް މުހިންމު ކަމަށެވެ.

އެފަދަ އެއްވެސް މައުލޫމާތެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، މިހާރު ފޮނުވާފައިވާ އެ ބަޖެޓު ގާނޫނުތަކާ ހިލާފު ކަމަށް އާޒިމްގެ ސިޓީގައި ވަނީ ބުނެފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅިއްޖެ ކަމަށް ވަނީ ނަމަ ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގައަކަށް ކަމުގަ އެވެ. އެގޮތުން ކަމާ ގުޅުންހުރި ގާނޫނުތަކާ އެއްގޮތަށް ތައްޔާރުކޮށްގެން މެނުވީ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ހުށަނޭޅޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓާ ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއިރު، އެ ބަޖެޓު ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރުމާ އެކު އެ ބަޖެޓު ތަޅުމަށް ހުށަހެޅޭގޮތް ވެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް