މަޖިލިހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލިހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް، އެ މައްސަލަ އާ މެދު ގޮތެއް ނުނިންމާ އިތުރު އެހެން މަސައްކަތެއް ނުކުރެވޭނެ އެވެ. އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީން ފޮނުވި މި އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އޮތީ މާދަމައަށް އެޖެންޑާކޮށްފަ އެވެ.
މަޖިލިހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވެފައި ވަނީ އީވާ މާދަމައަށް ސަލާން ވިދާޅުވެފައިވާތީ، މާދަމާވެސް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ޔަގީން ކުރެއްވޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ މާދަމާގެ އެޖެންޑާގައި ނުހިމެނީ ކަމަށް ޒިޔާއު ވިދާޅުވި އެވެ. ޒިޔާއު ވިދާޅުވި ގޮތުގައި ބުދަ ދުވަހު ބާއްވާ ޖަލްސާއަށްވެސް އީވާ ސަލާން ވިދާޅުވެއްޖެނަމަ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގަ އެވެ.
އެހެންނަމަވެސް އަދި ސަލާން ވިދާޅުވެފައިނުވާތީ ބުދަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެ އާއި މިއަދު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހުވެސް މަޖިލިހަށް ވަނީ ސަލާން ފޮނުއްވާފަ އެވެ.