ads
ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު: މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވަން ވަނީ ނިންމަވާފައި - ފޮޓޯ:ވޮއިސް
މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވާދަކުރައްވަނީ
މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވާދަކުރައްވަން ނިންމަވައިފި އެވެ.

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލުމަށް ނިންމެވިކަން ހާމަކުރައްވާ އާޒިމާ މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި ފަރާތަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރުމުގެ އިތުރުން މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށެވެ.

އާޒިމާ ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ގެނުވައިދިން އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލު ކަމަށެވެ. ޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން އައްޔަނުކުރައްވަމުން ގެންދެވި ކަތީބުންނާއި އަތޮޅުވެރިންނާއި އަވަށުވެރިންގެ ދައުރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ސީދާ އިންތިހާބުން އިހުތިޔާރުކުރާ ބަޔަކަށް މާލެ އާއި އަތޮޅުތައް އަދި ރަށްރަށުގެ ހިންގުން ހަވާލުކުރުން ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ހިންގުމުގެ އޮނިގަނޑަށް ގާނޫނީ ބަދަލެއް ގެނެވުނު ނަމަވެސް ހިންގުމުގެ އޮނިގަނޑުގެ މުހިންމު ކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް ބަދަލެއް ނާންނަ ކަމުގަ އެވެ. ހާއްސަ ގޮތެއްގައި މާލޭގެ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާ އެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް އެކަމަނާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާ ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުންތަކުގެ ތެރެއިން މާލޭގެ ސަރަހައްދުގެ ތަރައްގީ އާއި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި ފުނިޖެހެމުންދާ އިޖުތިމާއީ އަދި ސިއްހީ މައްސަލަތަކަކީ މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އާއިލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތަކެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވެފައިވަނީ މިއަދު މާލޭގެ ސަރަހައްދު ނުވަތަ ގްރޭޓާ މާލޭ ސަރަހައްދު އޮތް ހާލަތުން މިކަންކަމުގެ ސީރިއަސްކަން ކޮންމެ މީހަކަށް އިހުސާސްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއަދުގެ މި ހާލަތުގައި، (މާލޭގެ މޭޔަރު ކަމުގައި ހުންނެވި) ތައުލީމީ އަދި ގާބިލު ބޭފުޅަކު، ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާ އެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް، މާލެއަކީ ހަގީގީ މާނައިގައި، ދިވެހިރާއްޖޭގެ ވެރިރަށުގެ ގޮތުގައި، ތަރައްގީކުރެވޭނެ ގާބިލު، ކަމަށް އެކަށޭނަ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމުގައި ވާނެ އެވެ. ހާއްސަ ގޮތެއްގައި، ދިވެހިރާއްޖޭގެ ކޮމާޝަލް ކެޕިޓަލްގެ ގޮތުގައި އޮތް، ރާއްޖޭގެ އާބާދީގެ ½ ގެ ރައްޔިތުން ދިރިއުޅޭ، އަދި އެތައް ބަޔަކު އިތުރަށް ތައުލީމު ހާސިލުކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި ވިޔަފާރިކުރުމަށް އަދި ދަތުރުފަތުރުގެ ބޭނުމަށް އައިސް އުޅެން ޖެހޭ ރަށް ކަމުގައިވާ މާލެ، އެންމެ ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ރަމްޒުކޮށްދޭނޭ ހައިބަތުހުރި ތަނެއްގެ ގޮތުގައި ތަރައްގީވާން ޖެހެ އެވެ. މި ކަންކަން ކުރުމުގައި، މިހާރުގެ މޭޔަރު އަދި އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ، މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުގައި ތަންފީޒުކުރެވެން ޖެހެ އެވެ. އަދި ހަމައެއާއެކު، މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު، ގައުމީ އަދި ރަށު ފެންވަރުގައި އިތުރު ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި މި މައްސަލަތަކަކީ ގައުމީ ފެންވަރުގައި ހައްލުތަކެއް ލިބިގެން ނޫނީ ހައްލު ނުލިބޭނެ ކަންކަމަށްވާއިރު، މި ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ވިސްނުންތައް އިސްކުރަންޖެހޭނެ އެވެ،" އާޒިމާ ނެރުއްވި ބަޔާނުގައިވެއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ މުރާލިކަމާ އެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު މަސައްކަތްކުރާނެ ފަރާތަކަށްވުން ކަމުގަ އެވެ. ކޮންމެ ހާލެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނޭ ކަމުގެ ޔަގީންކަންދޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ ރައްޔިތުންނާ އެކު މަސައްކަތްކުރާނެ ވިއުގައެއް އުފައްދައި، މާލެ ސިޓީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއެކު ތަރައްގީކޮށް، އާއިލާ އާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދޭނެ ކަމަށެވެ. ގްރޭޓާ މާލެއަކީ ވިޔަފާރި އާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހާ ހާލަތެއްގައިވާ ރައްޔިތުންނަށްވެސް ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ ތަނަކަށް ހަދައިދޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވެފައިވަނީ ކޮންމެ ހިޔާލެއްގައި ހުރި ނަމަވެސް އެމީހަކާ އެކު އެކަމަނާއަށް މަސައްކަތް ކުރެވޭނޭ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެންގެ މަސައްކަތުން ކަމަށާއި އެންމެން އެކައްޗެއް ކިޔައި، އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީވެސް އެންމެންނަށް އެކުގައި ނޫނީ ކުރެވޭނެ މަސައްކަތެއް ނޫން ކަމުގަ އެވެ. މިކަމަށް ބޭނުން ވަނީ ބައިބައިވުމާއި ވަކިވަކިވުމުގެ ވިސްނުންތައް ދޫކޮށް، މުޖުތަމައުގެ މަސްލަހަތު އިސްކުރުން ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދައުވަތަކީ، 17 ނޮވެމްބަރުގައި ހުވާކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު، ގްރޭޓާ މާލޭގެ ސަރަހައްދަކީ އަޅުގަނޑުމެން އެންމެންނަށް ފަހުރުވެރިވެވޭނޭ، 21 ވަނަ ގަރުނުގެ ޒަމާނީ ތަހުޒީބާއި ތަމައްދުނުގެ ހައިބަތުހުރި ކެޕިޓަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަޅުގަނޑާ އެކު އަތުގުޅާލެއްވުމެވެ. އަޅުގަނޑުމެން އެންމެން އެކުގައި މިކަމަށް ކެރިގެން ކުރިމަތިލުމެވެ،" ބަޔާން ނިންމަވާލައްވަމުން އާޒިމާ ފާހަގަކުރައްވާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް