ads
މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް: ރަށު ރޫހު އޮތީ ވަތަނީކޮށް ކަމަށާއި މަޖިލިސް ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ގޮނޑިއަށް ވާދަނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:މާލެ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ރޫހު އޮތީ ވަތަނީކޮށް، ގޮނޑިއަށް ވާދަނުކުރާނަން: ނަރީޝް
ރަށު ރޫހު އޮތީ ވަރަށް ވަތަނީކޮށް ކަމަށާއި ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ހދ. ކުޅުދުއްފުށީ އުތުރު ގޮނޑިއަށް ވާދަނުކުރައްވާނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
Advertisement

ނަރީޝް މިރޭ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހިދުމަތެއްކޮށް، ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް، ސަރުކާރާ ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި އޭނާ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަން ނިންމުމާ ގުޅިގެން އެ ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުންގެ ތާއީދުއޮތްކަން ހާމަކުރަމުން ގެންދިޔަ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރިކުރުމުގައި އަޅުގަނޑަށް ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް، ރަށު ދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައިކަން ވަރަށް ބޮޑަށް ފާހަގަވި. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހުތިރާމް އަޅުގަނޑު ކުރާ ހާލު، ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަމެވެ،" ނަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަން ނިންމުމާ ގުޅިގެން ޓީމެއްގެ ގޮތުގައި އޭނާއަށް ތާއީދު ހޯދަން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން ނަރީޝް އިއުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ނަރީޝް އޭރު ވިދާޅުވެފައިވަނީ އޭނާ އެ ނިންމުން ނިންމެވީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ކަމަށެވެ.

އެންމެފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މާފަންނު މެދު ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮވިވަޑައިގަތް ނަރީޝް މިވަގުތު ހުންނެވީ ވަގުތީ ގޮތުން މާލޭގެ މޭޔަރުކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވެ.

މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މި އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، އިންތިގާލީ މަރުހަލާގެ ކަންކަމަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުން މޭޔަރުގެ ޒިންމާތަކުން ވަނީ އެއްފަރާތްވެވަޑައިގެންފަ އެވެ. އެހެންވެ، އެ ޒިންމާތައް ވަގުތީގޮތުން އަދާކުރައްވަމުން އަންނަނީ ޑެޕިއުޓީ މޭޔަރުގެ ހައިސިއްޔަތުން ނަރީޝެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް