އާދިއްތަ އަކީ އާންމުކޮށް މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއް ނޫން ކަމަށް ވިޔަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ނޯޓިސް ހަމަވުމާ އެކު، ދެންމެ އެންމެ އަވަހަށް އަންނަ މަސައްކަތު ދުވަހެއްގައި އެ މައްސަލައެއް ކުރިއަށް ގެންދަން ޖެހޭތީ މިދިޔަ އާދިއްތަ ދުވަހަށް ވެސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި އެވެ.
މަޖިލީހުގެ ޖަލްސާތައް ބާއްވަން ތާވަލުކުރި ނަމަވެސް މިހަފުތާގައި އެންމެ ޖަލްސާއެއް ވެސް ނުބޭއްވުނެވެ. އެއީ ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނައިބުރައީސަށް އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން ދެކޭތީ އެވެ. ޖަލްސާތައް ކެންސަލް ކުރީ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އަމީން އާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނަވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެ، މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.
އެމްޑީޕީން މިދިޔަ އާދީއްތަ ދުވަހު ވަނީ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުގައި އަންނަ ހަފްތާގައި އެ މައްސަލަ ކުރިއަށް ގެންދިޔުމަށްވަނީ ތާވަލުކޮށްފަ އެވެ.