ads
ގދ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް
ވާދޫން ފަލަސްތީނު މީހުނަށް ބިން ދޭން އެޖެންޑާ ކުރި ބައްދަލުވުން ނުބޭއްވުނު
ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ 1000 ރައްޔިތުންނަށް ގދ. ވާދޫން ބިން ދިނުމަށް މަޝްވަރާ ކުރުމަށް ކައުންސިލުން އެޖެންޑާ ކުރި ބައްދަލުވުން ނުބޭއްވުނު ކަމަށް އެރަށު ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ހަސަން އަބްދުﷲ ވިދާޅުވީ މިއަދަށް އެޖެންޑާ ކުރި ބައްދަލުވުން ނުބޭއްވުނީ ކައުންސިލްގެ ނައިބު ރައީސް ހާޝިރު މުހައްމަދާއި، މެންބަރު މާރިޔަތު އިބްރާހީމް އެކަމަށް ތާއީދު ނުކޮށް ބައްދަލުވުން ބޮއިކޮޓް ކުރުމުން ކަމަށެވެ.

ވާދޫން ނިންމާފައިވަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ 1000 މީހުނަށް ވަގުތީ ގޮތުން ގޯތި ދިނުމަށެވެ. އަދި އެރަށަށް ރާޅާ އަޅަންދާ އިޒްރޭލުގެ ޓޫރިސްޓުންްނަށް އެރަށް ނޭރޭ ގޮތް ހެދުމަށް މަޝްވަރާ ކުރުމަށެވެ.

މީގެއިތުރުން ހަސަން ވިދާޅުވީ ފަލަސްތީނު ރައްޔިތުން ވަގުތީ ގޮތުން ވާދޫގައި ދިރިއުޅެން އައުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ކައުންސިލުން އެ ޝުއޫރު ފާޅުކުރީ ވާދޫ ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ 1،000 މީހުންނަށް ބިން ދިނުމަށް. އެއީ އެ އާއިލާތަކުން އަންނަ ކުޑަކުދިންނާ އެކު. އަންނަ މީހުން [ފަލަސްތީނަށް] ދާން ބޭނުން ވެއްޖެ ނަމަ ދެވޭނެ. އަޅުގަނޑުމެންނަށް ވެސް އެނގޭ އަންނަ މީހުން އަބަދު އުޅެން ނައިސްދާނެކަން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް ބައްދަލުވުން އެޖެންޑާކޮށް މިކަމާ މެދު މަޝްވަރާ ކުރަން މަަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަން ވާނީ ދިވެހި ސަރުކާރުން ކޮށްދީގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ޔަހޫދީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން މި ފަހުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސްވެސް ކުރި އެވެ.

ދިވެހި ރާއްޖެއިން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ތަފާތު ހަރަކާތްތައް އަބަދުވެސް ކުރިއަށް ދެއެވެ.

މި މަހު ހަތަކުން ފެށިގެން ޔަހޫދީ އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޔަހޫދީ އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 9،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް