މުއިއްޒު މިއަދު ވަނީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލުމަށް ނިންމެވިކަން ހާމަކުރައްވާ އާޒިމާ ކުރެއްވި ޕޯސްޓެއް އެކްސްގައި ރީޓްވީޓް ކުރައްވާފަ އެވެ.
މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި ފަރާތަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރުމުގެ އިތުރުން މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށް އާޒިމާގެ ނިންމެވުން ހާމަކުރެއްވުމުގެ ގޮތުން މީގެ ކުރިން ނެރުއްވި ނޫސް ބަޔާނުގައިވެ އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ހިންގުމުގެ އޮނިގަނޑަށް ގާނޫނީ ބަދަލެއް ގެނެވުނު ނަމަވެސް ހިންގުމުގެ އޮނިގަނޑުގެ މުހިންމު ކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް ބަދަލެއް ނާންނަ ކަމުގަ އެވެ. ހާއްސަ ގޮތެއްގައި މާލޭގެ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާ އެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާ ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުންތަކުގެ ތެރެއިން މާލޭގެ ސަރަހައްދުގެ ތަރައްގީ އާއި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި ފުނިޖެހެމުންދާ އިޖުތިމާއީ އަދި ސިއްހީ މައްސަލަތަކަކީ މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އާއިލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތަކެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވެފައިވަނީ މިއަދު މާލޭގެ ސަރަހައްދު ނުވަތަ ގްރޭޓާ މާލޭ ސަރަހައްދު އޮތް ހާލަތުން މިކަންކަމުގެ ސީރިއަސްކަން ކޮންމެ މީހަކަށް އިހުސާސްކުރެވޭނެ ކަމަށެވެ.
އިންތިހާބީ ރައީސްގެ ތާއީދު އާޒިމާއަށް އޮތް ކަން ހާމަކުރެއްވިއިރު، މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރުވެސް ވަނީ އޭނާގެ ތާއީދު އާޒިމާއަށް އޮތްކަން ހާމަކުރައްވާފަ އެވެ. ޒަމީރު ވިދާޅުވީ އާޒިމާ އާ ބައްދަލުކޮށް، އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އާޒިމާއަށް އޮންނާނެ ކަމަށާއި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.