މިއަދު ހެނދުނު މީރުމާ ހޯލުގައި ބޭއްވި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ އެކަމަނާއަށް ތައުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ފަޒްނާ ވަނީ ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއްގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އޭގެ ތެރޭގައި މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފުތާއަކު އެއްފަހަރު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ހިންގި ކަމަށާއި ހިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބޭއްވި ބުއްތަށި ދީގެން ކަސްރަތު ކުރުވާ ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގި ކަމަށް އެކަމަނާ ވިދާޅުވި އެވެ. ފަޒްނާ ވިދާޅުވި ގޮތުގައި އެ ދެ ކަންތަކުގެ އިތުރަށް އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސާވޭއެއް ހެދުމަށްފަހު، ގެންނަ ތަކެތީގެ ތެރެއިން ސިއްހަތަށް ފައިދާނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާ އާއި އެހެނިހެން ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުން ކުރުމަށް ބާރު އެޅުނު ކަމުގަ އެވެ.
ފަޒްނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރައްވާފައި ވަނީ ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި ތިބާ ދޫކޮށްފަ ދާ އެއްޗަކީ އެހެން މީހުންގެ ދިރިއުޅުމަށް ފައިދާ ކުރާނެ އެއްޗެއް ކަމަށެވެ.
މިއަދު ފެށި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ބައްދަލުވުމަކީ ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އަދި އަންހެނުން އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން ހައްލުކުރުމަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ ޔުނިސެފާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުކުރުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ހަރަކާތްތެރި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.