ads
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައި - ފޮޓޯ:ރައީސް އޮފީސް
ސެޕްޓެމްބަރު 12 އަކީ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައިފި
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ މިގޮތަށް ކަނޑައެޅުއްވީ، ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސްއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

ރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު، ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ތަސްދީގުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބިއޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާތީ، ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަސް ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރީހު، ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވި ގޮތުގައި ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަން ޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ އަދި ތަރިކަ އާ މެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ހާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް