ads
މިދިޔަ ފަސް އަހަރު ފެނަކައިން ކުރި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުގެ އެމްޑީ ސައީދު - ފޮޓޯ:ސީއެންއެމް
ކުރިއަށް އޮތް 40 އަހަރަށް ވާ ވަރަށް އުމްރާނީގޮތުން ފެނަކަ ވާނީ ކުރިއަރުވާފައި
ކުރިއަށް އޮތް 40 އަހަރަށް ފުދޭވަރަށް ފެނަކައިން ވާނީ އުމްރާނީގޮތުން ކުރިއެރުން ހޯދާފައި ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ފަސް އަހަރުގެ ފެނަކައިގެ ކުރު ހުލާސާއެއް ދިނުމަށް މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ދެމުން ގެންދިޔަ އަސާސީ ހިދުމަތްތައް ރައްޔިތުންގެ އިތުބާރު ހިފޭ ހަރުދަނާ މިންގަނޑެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ މިންގަނޑުގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ގާނޫނީ ގޮތުން ލާޒިމު ކުރާ މަސައްކަތް އެ ކޯޕަރޭޝަނުގެ ފަރާތުން އައީ ކުރަމުން ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްރަށުގައި އަސާސީ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު އުފެއްދި ފެނަކައިން 152 ބްރާންޗަކުން ހިދުމަތް ދެމުން އަންނައިރު، 148 ރަށެއްގެ އިންޖީނުގެ ހިންގަމުންދާ ކަމަށާއި 30 ރަށެއްގެ ނަރުދަމާގެ އިތުރުން 54 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިން ފެށި މި މަސައްކަތުގައި އަސާސީ ހިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ ތެރެއިން 90 އިންސައްތަ ރައްޔިތުންނަށް މިއަދު އިތުބާރާއި ޔަގީންކަމާ އެކު، ކުރިއަށް އޮތް 40 އަހަރު ދުވަހަށް އަންދާޒާ ކުރެވޭ ގޮތަށް "އިންފްރާސްޓްރަކްޗާ" ވަނީ ގާއިމުކުރެވިފައި ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެނަކައިގެ "އިންފްރާސްޓްރަކްޗާ" ގާއިމުކުރުމަށްޓަކައި ކުރަން ޖެހޭ މާބޮޑު ހޭދައެއް އަދި މަސައްކަތެއް ނޯންނާނެ ކަމުގަ އެވެ.

ފެނަކައިގެ "އިންފްރާސްޓްރަކްޗާ" މަޝްރޫއުތައް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ހުޅުވިފައިވަނީ ޖުމްލަ 13 އިންޖީނުގެއަކާ އަދި އެއް އޮފީސް ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 81 އިންޖީނުގެއެއްގެ މަސައްކަތް ފެށި، 49 އިންޖީނުގޭގެ މަސައްކަތް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ މުއްދަތުގައި 119 އޮފީހެއްގެ މަސައްކަތް ފަށައި 66 އޮފީހެއްގެ މަސައްކަތް ނިންމުމަށްފަހު ހުޅުވާފައިވާ ކަމަށެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި އެ ކޯޕަރޭޝަނުން މިވަގުތު 32 އިންޖީނުގެއަކާއި 53 އޮފީހެއްގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. 

މުޅި ރާއްޖޭގައި މީޓަ ޓެސްޓް ކުރުން ހަމައެކަނި އެއް ކުންފުންޏަކަށް ބަރޯސާވެފައި އޮތްއޮތުން ފެނަކައިން ވަނީ ނިމުމަކަށް ގެނެސްފައިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެ ކޯޕަރޭޝަނުން ވަނީ މި ޒަމާނުގެ މީޓަ ޓެސްޓިން ބެންޗެއް ބަހައްޓައި، އޭގެ ހިދުމަތް ރާއްޖޭގެ ރައްޔިތުން ދޭން ފަށާފައި ކަމަށެވެ. ފެނަކައިގައި 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ބޭނުން ކުރަމުން އައީ ބައެއްގެ ސޮފްޓްވެއާއެއް ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ފަހުން މުޅިން އާ ސޮފްޓްވެއާއެއް ގާއިމުކުރެވި މޮބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށް، އޮންލައިންކޮށް ބިލް ދެއްކޭނެ ގޮތް މަގުފަހިކޮށްދެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުކުރެވި ކަރަންޓު މީޓަ ޓެސްޓު ކުރުމުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ފެނަކައިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން ބޭނުން ކުރަމުން އަންނަ ސޮފްޓްވެއާ "އަޕްގްރޭޑްކޮށް"، ޒަމާނީ ޑާޓާ ސެންޓަރެއް ގާއިމުކުރުމަށް ހެޑް އޮފީހާއި ބްރާންޗްތަކާ ދެމެދު އަޅާފައިވާ ކޮމްޕިއުޓަ ވިއުގަ ހަރުދަނާ ކުރެވުނު ކަމަށެވެ. އަދި ފެނަކައިން ދެމުން އަންނަ ހިދުމަތްތައް އައިއެސްއޯ ސްޓޭންޑަޑަށް ގެނެވުނު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް