ސްޓާލިންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތް މިހާރު ރާއްޖޭން ލިބޭނެ ކަމަށެވެ. އެ ކުންފުނީގެ ވެބްސައިޓުގެ އެވެއިލެބިލިޓީ ޗާޓުގައި ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާކަންވެސް ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ހުއްދަ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށް ދޫކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެެރެއިން ސްޓާލިންކުގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ ލައިސަންސް ދިން ގައުމުގެ އިތުރުން އެ ހިދުމަތް އެންމެ ފުރަތަމަ ލިބުނު ފުރަތަމަ ގައުމުވެސްމެ އެވެ.
ސްޕޭސް އެކްސްއިން ބުނާގޮތުން މަހަކު 1،000 ރުފިޔާއަށް 200 އެމްބީޕީއެސްގެ ސްޕީޑްގައި އެ ކުންފުނީގެ އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ލިބޭނެ އެވެ. ސްޕޭސް އެކްސްގެ އިންޓަނެޓް ޕެކޭޖުގައި ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެއް ހިމެނޭއިރު، ޝިޕިން އާއެކު 10،300 ރުފިޔާއަށް މިތަކެތި ލިބޭނެ އެވެ.
ސްޓާލިންކުގެ ޕެކޭޖުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ގޭގެއަށް ހާއްސަ ޕެކޭޖުތަކާއި ވިޔަފާރިތަކަށާއި ހައި ޑިމާންޑު ޔޫސަރުންނަށް ހާއްސަ ޕެކޭޖުތަކާ އަދި ކަނޑުމައްޗަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ. އެ ކުންފުނިން އިންޓަނެޓުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ އާންމު ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓް ނަމަވެސް ސިކުންތަކު 300 މެގަބިޓް ސްޕީޑްގައިވެސް އިންޓަނެޓުގެ ހިދުމަތް އެ ކުންފުނިން ވަނީ ދީފަ އެވެ.
ސްޓާލިންކުގެ ހިދުމަތް ދިނުމަށް ސްޕޭސްއެކްސް އިން 2019 ވަނަ އަހަރު ޖައްވަށް ސެޓެލައިޓުތައް ފޮނުވަން ފެށިއިރު، މިހާތަނަށް 5,000 އަށްވުރެ ގިނަ ސެޓެލައިޓު ވަނީ ފޮނުވާފަ އެވެ. ދުނިޔޭގެ 64 އަށް ވުރެ ގިނަ ގައުމަށް ސްޓާލިންކުން ކަވަރޭޖް ދެމުން އަންނައިރު އެ ކުންފުނިން އަމާޒު ހިފާފައި ވަނީ މި އަހަރު މޮބައިލް ފޯނުގެ ހިދުމަތް ފެށުމަށެވެ.
ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ހިދުމަތެކެވެ. ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދޫކުރި ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަކީ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރި ހަތަރުވަނަ ކުންފުންޏެވެ.