ޖުމްހޫރީގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ދިވެހީންގެރާއްޖެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިއަކު ހޮވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އެގޮތަށް ހޮވާއިރުގައި ރައްޔިތުންގެ އުންމީދުތަކެއް ހުންނާނެ ކަމަށާއި އެ އުންމީދުތައް ހާސިލުކޮށްދިނުމަށްޓަކައި އިންތިހާބުކުރާ މީހަކު ކަންކަން ކުރަން ރާވާފައިވާ ގޮތްވެސް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އިހުލާސްތެރިކަމާ އެކީ ރައްޔިތުންނަށްޓަކައި ތެދުވެރިކަމާ އެކުގައި ކަންކަން ކޮށްދޭން އުޅޭ ނަމަ ނުވެފައި ހުރި ކަންކަން ހުންނާނީ ހަމަޖެހިފައި ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވެރިއެއްގެ ކިބައިގައި ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް އޮވެގެން ނުވާނެ ކަމުގަ އެވެ. ރައްޔިތުންގެ ފަރާތުން ސުވާލެއް ކުރަންޏާ އެކަމަށް ޖަވާބު ދެވެން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ކަމެއް ފޮރުވާފައި އޮވެގެން ނުވާނެ ކަމަށާއި ކުރާ ކަމެއްގެ ދެފުށް ފެންނަން ޖެހޭނެ ކަމަށެވެ. ސަރުކާރު އޮންނަން ވާނީ އަބަދުވެސް ރައްޔިތުންނާ އެކުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއިރު، ފެނިވަޑައިގަތީ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުންގެ ކިބައިގައި އޮތް މާޔޫސްކަން ކަމަށެވެ. އެކަން ބަދަލުކޮށްދެވޭނީ އިހުލާސްތެރިކަމާ އެކީގައި މަސައްކަތްތަކެއް ކުރެވިގެންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ވައުދަކީ އެގޮތުގައި ކުރިއަށް ދިއުން ކަމުގަ އެވެ.