މަދިރި ނައްތާލުމާއި ޑެންގީއިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ ފަސް އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށް އާބަންކޯއިން ބުނެ އެވެ.
އާބަންކޯއިން ބުނީ 'ޑެންގީ އިޖާބަ' މި ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަން ވާނީ ޑެންގީއިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްތައް ކަމަށެވެ. މިގޮތުން ޑެންގީއިން ރައްކާތެރިވާނެ ގޮތްތަކާއި އެކަމާ ގުޅޭ މައުލޫމާތު ނުވަތަ މުޖުތަމައު ހޭލުންތެރި ކުރުމަށް ބާރުއަޅާ ކަންތައްތައް ހިމެނިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އާބަންކޯއިން ބުނެފައި ވަނީ މި މުބާރާތުގައި ހުށައަޅާ ކުރެހުންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ކުރެހުމަކަށް ކަނޑައެޅިފައި ވަނީ 3،000 ރުފިޔާ ކަމަށް އާބަންކޯއިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ދެވަނައަށް 1،500 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި ކަމަށް އާބަންކޯއިން ބުނެ އެވެ. އާބަންކޯއިން ބުނީ މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 9:00 އާއި 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޯމު ފުރިހަމަކޮށްގެން ރަޖިސްޓްރީ ވެވޭނެ އެވެ.
https://forms.gle/poqjXXwiyy6c9WcM9
މަދިރި އާލާވުން ހުއްޓުވުމަށާއި މަދިރި ނައްތާލުމަށް އާންމުންނާ ގުޅިގެން އާބަންކޯއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެ ކޯޕަރޭޝަނުގެ ޓީމު ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން އާބަންކޯއިން ދެ އެވެ.