ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީން ހުޅުމާލޭގެ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ ހިނގި މި ހާދިސާ އާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވެފައި ވަނީ ހިޔާ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ރޯވެ ހިނގި މި ހާދިސާގައި ތިންވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޓަވަރު ތިނަކަށް ކަރަންޓު ދިނުމުގެ މަސައްކަތަށް ދެ ގަޑިއިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯގެ ފަރާތުން އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.