ޕީޕީއެމް/ޕީއެންސީން ސަރުކާރާ ހަވާލުވެ، މިއަދު ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްޓަރީ، ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެމީހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހާމަކޮށްފަ އެވެ.
އޭނާ މިއަދު ހާމަކުރި މައުލޫމާތުގައި ވާގޮތުން:
ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭގޮތުން މި ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތުގައި ވެސް އުތުރު ތިލަފަަޅުގައި އެއްވެސް ވަރަކަށް ސިފައިން ތިބިކަމަކަށް ފާހަގަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ޕީޕީއެމް-ޕީއެންސީން ވަނީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމްވެތިބި ކަމަށް ތަކުރާރުކޮށް ތުހުމަތުކޮށްފަ އެވެ. އޭރު ބުނަމުން ދިޔައީ އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ކޮންޓްރޯލެއް ނެތް ކަމަށެވެ.
އެގޮތުން އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ތިބިކަމަށް ބުނެ އެޕާޓީއާއި ގުޅުން އޮންނަ ބައެއް ފަރާތްތަކުން ވަނީ އެތަނަށް އަރަން ވެސް އުޅެފައެވެ.
ކުރީގެ ސަރުކާރުން އޭރު ވަނީ މި ތުހުމަތުތައް ދޮގުކޮށް، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި އެތަނުގެ ކޮންޓްރޯލް އޮންނަނީ ދިވެހިންގެ އަތުގައި ކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާ އާއެކު ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރަން ވަނީ ދެކޮޅު ހަދާފައެވެ.
ރާއްޖޭގައި ތިބި ބޭރު ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެކެވެ.
ކުރީ ސަރުކާރުން ވެސް ވަނީ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ރާއްޖޭގައި ތިބީ އިންޑިއާގެ 75 ސިފައިންކަން ހާމަކޮށްފައެވެ. ނަމަވެސް އޭރު އިދިކޮޅުގައި ތިއްބެވި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އެއީ ސައްހަ އަދަދެއް ނޫންކަމަށް ބުނެފައެވެ.