28 ވަނަ ބައި (ޝަކުވާ).
"ނަސީ، ކިހިނެއްވެފަ ތި އިންނަނީ؟" ނަވްޔާގެ ކޮޓަރިން އެނބުރި އައުމަށް ފަހު ނަސީމާ އަނގައިން ނުބުނެ އިންނަން ފެށުމުން ހުމެއިދާ އަހައިލިއެވެ.
ފިކުރުބޮޑުވެފައި އިން ނަސީމާއަށް ކުއްލިއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ނަސީބަކުން އެ ވަގުތު ޝަމްނާގެ އުނގުގައި އިން ޔަޝަލް ކުސްތަޅަން ފެށިއެވެ.
"ނިދި އައީ ކަންނޭނގެ." ޝަމްނާ ބުންޏެވެ.
"ގެނޭ މަންމަ އަތަށް. ނިދާތޯ ބަލައިލާނަން." ނަސީމާ ފުރުޞަތުގެ ބޭނުން އަވަހަށް ހިފިއެވެ.
ޔަޝަލް ގޮވައިގެން ކޮޓަރިއަށް ގޮސް ނަސީމާ ހިނގަން ފެށިއެވެ. ނާނާއެއް ކިޔަމުން، ހިނގަމުން ދިޔައިރު ނަސީމާގެ ސިކުނޑި ވެސް ސޯބެއް ހެން އެނބުރެމުން ދިޔައެވެ. ހުރިހާ ކަމެއް ކޮންޓްރޯލް ކުރެއްވިއްޖެ ކަމަށް ހީކޮށްގެން ހުއްޓާ އަނެއްކާ މި ޖެހެން އުޅެނީ ކޮންފަދަ އާފާތެއް ކަމެއް ވެސް ނޭނގެއެވެ. ނަސީމާގެ ޝައްކަކީ ތެދަކަށް ވެއްޖެނަމަ އަންނާނެ ގަދަ ކޮޅިގަނޑު މިހާރު ވެސް ނަސީމާއަށް އިހުސާސް ކުރެވެއެވެ. އެ ތޫފާނުގައި އަމިއްލަ ދަރިފުޅުގެ ޙަޔާތް ބަނަވެގެން ދާތަން ބަލަން ދެ އަތް އުރާލައިގެން ހުންނަން ވީ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ފަދަ ގުރުބާނީއެއް ދީގެން ނަމަވެސް އެހެން ވިޔަކަ ނަސީމާ ނުދޭނެއެވެ. ކޮޅިގަނޑުގެ އެއްވެސް އަސަރެއް އަމިއްލަ ދަރިފުޅުގެ ޙަޔާތަށް ކުރިމަތި ވިޔަ ނުދޭން ނަސީމާއަށް ކުރެވުނު ކަމެއް ކުރާނެއެވެ. ނަސީމާ ޖެހޭނީ ވިސްނުންތެރި ކަމާ އެކު ނަވްޔާ މިހާރު ކުރާ އިތުބާރުގެ ބޭނުން ހިފާށެވެ. ސިކުނޑީގައި ކަންތައްތައް ރާވަމުން ދިޔައިރު ޔަޝަލްއަށް ނިދުނު އިރެއް ވެސް ނަސީމާއަކަށް ނޭނގެއެވެ.
ލަސްވެގެން ނަސީމާ ކޮބައިތޯ ބަލަން އަޒްކާ ވަންއިރު ވެސް ނަސީމާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ.
"މަންމާ، ޔަޝްކޮއަށް އެ އޮތީ ނިދިފަ. ބާއްވަން ވީނު. ހައްޔާންގެ މަންމަމެން ވެސް ދާންވެގެން އެބައުޅޭ." އަޒްކާ ބުންޏެވެ.
"އާނ، އެހެންތަ؟ މި ދަނީ." ނަސީމާ ބުންޏެވެ.
ޔަޝަލް ބޭއްވުމަށް ފަހު ކޮޓަރިން ނަސީމާ ނުކުތެވެ. ހުމައިދާމެން ދިޔުމުން އަޒްކާ ގާތުގައި ތަށިތައް ނަގަން ބުނެފައި ނަސީމާ ވެސް ނުކުތީ ބޭރަށެވެ.
އަޒްކާ ތަށިތައް ނަގާފައި ނުކުތް އިރު ހައްޔާން އިނީ ޔަޝަލް އުރައިގެންނެވެ. ޖެހިގެން ހުރި ގޮނޑިގައި ޝަމްނާ ވެސް އިނެވެ. ޔަޝަލްއާ ހައްޔާން ސަމާސާ ކުރާތަން ފެނުމުން އަޒްކާއަށް ހިނިތުން ވެލެވުނެވެ. ބޭއިޚްތިޔާރުގައި ބަނޑުގައި އަތް ޖައްސައިލެވުނެވެ.
"އައްދެ، ހާދަ އަވަހަކަށް ޔަޝްކޮ މިހޭލީ." ކައިރިއަށް އައިސްފައި އަޒްކާ ބުންޏެވެ.
"ހޫނ، ދެން މިރޭ ބާރަޖަހާ އިރު ވެސް ނިދާނެ ކަމެއް ނޭނގެ. މި ގަޑީގައި ކިތަންމެ ކުޑަ އިރުކޮޅަކަށް ނިދިޔަސް ދެން އަވަހަކަށް ނުނިދާނެ." ޝަމްނާ ބުންޏެވެ.
"އަހަރެމެން ޔަޝްކޮ ބަލާފާނަމޭ. ދޯ އަޒްކާ." ޔަޝަލްއާ ލޯބިކޮށްލަމުން ހައްޔާން ބުންޏެވެ.
އަޒްކާ ވަގުތުން އެއްބަސްވިއެވެ. އަދި އައިސް ޔަޝަލް އުރައިލިއެވެ.
"މަންމިއަށް މިރޭ ޗުއްޓީ ދޯ ބޭބީ."
ޔަޝަލްއާ ވާހަކަދައްކަމުން އަޒްކާ ބުންޏެވެ.
"ޗާންސްގެ ބޭނުން ހިފައިގެން މިރޭ ދޮންބެއާ އެކު ބޭރަށް ދާން ރާވަންވީ ދޯ." ޝަމްނާ ހިނި އައިސްފައި ބުންޏެވެ.
ބިން މައްޗަށް ތިރިވެ އިން ނަވްޔާއަށް ނަސީމާ ބަލައިލިއެވެ. ރޮއިރޮއި ގޮސް އެ މޫނުމަތި ވަނީ ދުޅަވެ އަރާފައެވެ. ފާމަސީގައި އުޅޭ ނަސީމާގެ ރައްޓެއްސެއް ކައިރިން ގެނައި ޕްރެގްނަންސީ ކިޓަށް އެރި ދެ ރޮނގުން ނަސީމާގެ ޝައްކު ޔަގީނަށް ބަދަލުވި އިރު އެ ކަންތައް ވީ ނަވްޔާއަށް ލިބުނު ޝޮކަކަށެވެ. އެ އަނިޔާވެރިކަމުން ދުވަހަކު މިންޖުނުވެވޭފަދަ ކަސްތޮޅެއްގައި އެޅުމުން ހަތަރު ފަރާތުން ބެދި ގޮތް ހުސް ވެއްޖެ ކަމުގެ އިހުސާސް ނަވްޔާއަށް ކުރެވެމުން ދިޔައެވެ.
"ނަސީމާއްތާ ދެން ކިހިނެއް ހަދާނީ؟ މީހުންނަށް އަހަރެން ދައްކާނީ ކޮން މޫނެއް؟ ބޮޑުބެ ހީ ކުރާނީ ކީކޭ؟" ރޮމުން ނަވްޔާ ބުންޏެވެ.
"އެހެން މީހެއްގެ ފާފައިގެ ނިޝާން އަހަރެން އުފުލާނީ ކިހިނެއް؟"
ކުއްލިއަކަށް ނަވްޔާ ތެދުވިއެވެ. އަދި ބޭރު ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ހުޝިޔާރުކަމާ އެކު ނަވްޔާގެ އަތުގައި ނަސީމާ ހިފިއެވެ.
"ނަވްޔާ، ހަމަޖެހިބަލަ، ކޮންތާކަށް ތި ދަނީ؟" ނަސީމާ ބުންޏެވެ.
"ނަސީމާއްތަ ބުންޏަސް ކިހިނެއް ހަމަޖެހެވޭނީ. ފާފަ ކުރީ އެހެން މީހެއް. އަހަރެންނެއް ނޫން. ކީއްވެ ހަމައެކަނި އަހަރެންނަށް އަދަބު ލިބެންވީ؟ މި ދަނީ ހުރިހާ ވާހަކައެއް ބޮޑުބެގެ ގާތުގައި ބުނަން. ބޮޑުބެ އަހަރެންގެ ވާހަކަ ގަބޫލު ކުރާނެ." ނަސީމާގެ އަތް ފޮޅުވައިލެވޭތޯ މަސައްކަތް ކުރަމުން ނަވްޔާ ބުންޏެވެ.
"މުޅި ރަށަށް އޭނާ ވެސް ބޭޒާރުކޮށްލާނަން."
"އެންމެ ފުރަތަމަ ބޭޒާރުވާނީ ނަވްޔާގެ ބޮޑުބެ. މީހުންނާ ހަތަރުކަޅި ހަމަކޮށްލަން ވެސް ބޮޑުބެއަކަށް ނުކެރޭނެ. އަމިއްލައަށް މަރުވުން ވެސް ބޮޑުބެގެ ހިތަށް މާ ފަސޭހަ ވާނެ އޭރުން. ނަވްޔާ ބޭނުންވަނީ އެ ގޮތްތަ؟ އެހެން ވެއްޖިއްޔާ ދޭ."
ނަސީމާ ނަވްޔާގެ އަތުން ދޫކޮށްލިއެވެ. ގޮތް ހުސްވެފައިވާ ފަދައަކުން ބަލައިލާފައި ނަވްޔާ ނަސީމާގެ ގައިގައި ބައްދައިގަތެވެ.
"ނަސީމާއްތާ، ދެން އަހަރެން ކިހިނެއް ހަދާނީ؟"
"ނަވްޔާ ކަންބޮޑު ނުވޭ، ނަސީމާއްތަ ބުނާ ގޮތަށް ކަންތައް ކުރޭ. ބޮޑުބެ ކައިރީގައި ބުނެގެން ހުރިހާ ކަމެއް ވެސް ނަސީމާއްތަ ހަމަޖައްސާނަން." ނަވްޔާގެ ބުރަކަށީގައި ފިރުމަމުން ނަސީމާ ބުންޏެވެ.
ހެނދުނު ހައްޔާން ފިހާރައަށް ދިޔުމުން ނަވްޔާގެ ގާތަށް ދާން އަޒްކާ އުޅުނެވެ. ނަމަވެސް ނަވްޔާއަށް އޮތީ ނިދިފައި ކަމަށް ނަސީމާ ބުނުމުން އަޒްކާ އައިސް އަނެއްކާ ވެސް އޮށޯތީއެވެ. ޝަމްނާމެން ވެސް އަދި ނުތެދުވާތީ ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އިމާޒު ނެތީމާ ގޭތެރެ އަދި ވަކިން ފަޅުހެން އަޒްކާއަށް ހީވެއެވެ. އެހެން އޮއްވާ އަޒްކާއަށް ނިދުނު އިރެއް ވެސް ނޭނގެއެވެ. ދެން ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. ތެދުވެ ދޮރު ހުޅުވިއިރު ހުޔޫންއެވެ.
"އަދި ވެސް ނިދަނީތަ؟ މަންމަ ބުނެގެން ބަލާ މިއައީ" އެތެރެއަށް ވަންނަމުން ހުޔޫން ބުންޏެވެ.
"ފޯނުކޮށްފައި ބުނި ނަމަވެސް ދިޔައީމުހޭ." އަޒްކާ ބުންޏެވެ.
"ފޯނު ނަގާ ނަމަ ތާ" ހިނި އައިސްފައި ހުޔޫން ބުންޏެވެ.
ރޭގައި ޔަޝަލް ނިންދަވާފައި ފޯނުގެ ރިންގް ކަނޑައިލި ހަނދާން އަޒްކާވީ ދެނެވެ. ފޯނު ބަލައިލިއިރު ހުޔޫން ދެ ފަހަރަށް ގުޅާފައި އޮތެވެ. ވީ ގޮތް ކިޔައިދީފައި އަޒްކާ ފާޚާނާއަށް ވަނުމުން ހުޔޫން އައިސް އެނދުގައި އިށީނެވެ. އެ ވަގުތު އަޒްކާގެ ފޯނަށް އިމާޒު ގުޅާ ތަން ފެނިފައި ހުޔޫންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެރޭ އިމާޒުގެ ބަސްތަކުން ހިތް ކަތިލެވުނު ނަމަވެސް އަދިވެސް އެ ހިތުގައިވަނީ އިމާޒުގެ ނަމެވެ. އިމާޒު ފުރިކަން އެނގުމުން މާޔޫސްވި ނަމަވެސް ހިތްވަރު ދޫކޮށެއް ނުލައެވެ. ދޭތެރެއަކުން އިމާޒަށް މެސެޖު ފޮނުވާ ގުޅާ ހަދައެވެ. އެކަމަކު އިމާޒު ދުވަހަކު ވެސް ފޯނެއް ނުނަގައެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ޓަކައި ދެވަނަ ވިސްނުމަކަށް ނުގޮސް ހުޔޫން ފޯނު ނެގިއެވެ.
"ހެލޯ" އިމާޒު ގެ ފިރިހެންވަންތަ އަޑު އިވުނެވެ.
"އަޅެ އެއްވެސް މީހަކު ތުއްތުބޭ މަތިން ހަނދާން ނުވަނީތަ؟ އިއްޔެ ވެސް އެކަކު ވެސް ނުގުޅާ."
"ވަރަށް ހަނދާންވޭ، މާޒް." ހުޔޫން ބުންޏެވެ.
"ހުޔޫން؟" އިރުކޮޅަކު ހިމޭނުން ހުރެފައި އިމާޒު އެހިއެވެ.
"ޕްލީސް ފޯނު ނުބާވައްޗޭ. އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ވާހަކަދައްކަ ބަލަ."
"ހުޔޫން، ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނޯންނާނެ. ހުޔޫންއަށް އެންމެ ރަނގަޅު ވާނީ އަހަރެންގެ މަތިން ހަނދާން ނައްތައިލިއްޔާ." އިމާޒު ބުންޏެވެ.
ހުޔޫންއަށް އިތުރު އެއްޗެއް ނުބުނެވެނީސް އިމާޒު ފޯނު ކަނޑައިލިއެވެ.
"މާޒް، ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ." ހިތާހިތުން ހުޔޫން ބުނެލި އިރު ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.
ހުޔޫންއާ އެކު ނުކުތުމުގެ ކުރިން ހައްޔާންމެންގެ ގެއަށް ދާ ވާހަކަ ނަސީމާގެ ގާތުގައި އަޒްކާ ބުންޏެވެ. އޭރު ޝަމްނާމެން ވެސް ތެދުވެ ޔަޝަލް ގޮވައިގެން ދާން ތައްޔާރުވަނީއެވެ. ނިޒާރު އަންނާނެ ވަގުތަކަށް ބަލަބަލާ ނަސީމާ އިނެވެ. މެންދުރު ނަމާދުކޮށްގެން އައިތަނާ ނަސީމާ ދިން ޚަބަރުން މުޅި ދުނިޔެ އެނބުރިގަތް ހެން ނިޒާރަށް ހީވިއެވެ. ބޮލުގައި ހިފައްޓައިގެން އިނދެ ދެ އަތަށް ބޯ ހޫރުވަމުން ދިޔައެވެ.
"ނަސީމާ، ތިއީ ދޮގެއް، ނަވްޔާއަކީ ވިޔާނުދާ ކުއްޖެއް ނޫން. ނަވްޔާ ނުކުރާނެ ގޯސް ކަމެއް. ބުނޭ ތިއީ ދޮގެކޭ." ނިޒާރު ބުންޏެވެ.
"ހޫނ ދޮގު ހަދަނީ މި އަހަރެން؟ ކުރީ ފަހަރު ވެސް އަހަރެން ދެއްކި ވާހަކަތައް ގަބޫލު ނުކޮށް ނިހާޔާ އެ ގޮތަކަށް ނޫޅޭނެއޭ ކިޔާފައި އަހަރެންނާ ދިމާއަށް ހަޅޭއްލެވީ. އެ ފަހަރު ވެސް އަހަރެންގެ ވާހަކަ އަޑު އެހިނަމަ ބަދުނާމު ނުވެ ސަލާމަތް ވީސް. ނިޒާރަށް ކިހިނެއް އެނގޭނީ ނަވްޔާ އުޅޭ ގޮތެއް؟ ރޭގަނޑު ދަންވަރު ބޭރަށް ދާ ތަނާ މީހުން ކޮޓަރިއަށް ވައްދާ ތަން ފެންނަނީ އަހަރެންނަށޭ. އެރު ވެސް ނުބުނީ ނިޒާރު ގަބޫލު ނުކުރާނެތީ. ކިތައް ފަހަރު ނަވްޔާއަށް ނަސޭހަތް ދޭނީ. އެކަމަކު އަޑު އެހިއްޔާތާ. އެންމެ ފަހުން އަމާ ހޭވި ހަޑި ދަރި ވެސް މި ހޭވީ."
"ހުއްޓާލާ. ދެން އެންމެ ލަފުޒެއް ވެސް އިތުރަކަށް ބުނެގެން ނުވާނެ، ނިހާޔާއަށް ކުރެވުނު އެންމެ ކުށެއްގެ ވާހަކަ ތާއަބަދު ނުދެއްކިޔަސް ހެޔޮ. ނަވްޔާ ގޯސް މަގަކުން ހިނގާފާނެ ކަމަކަށް އަހަރެންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ، އަހަރެން ގޮސް ނަވްޔާއާ ވާހަކަ ދައްކާނަން."
"ހޫނ، ދައްކާ! ތި ދައްކާނެ ވާހަކައެއް ދައްކާ. އެކަމަކު އަހަރެން ބުނާ ގޮތަށް ކަންތައް ނުކޮށްފިނަމަ މުޅި އާއިލާ އަނެއްކާ ބަދުނާމުވާނެ ކަން ހަނދާން ކުރާތި."
"ނަވްޔާ!" ނިޒާރު ގޮވައިލިއެވެ.
އެނދުގެ ފަޑީގައި ބޯ އަޅައިލައިގެން އިން ނަވްޔާއަށް ނިޒާރުގެ އަޑު އިވުމުން އިސް އުފުލައިލިއެވެ. ނިޒާރުގެ ފަހަތުގައި ނަސީމާ ވެސް ހުއްޓެެވެ. ނަވްޔާ ހަމަ އެ ސިކުންތުގައި އިސްދަށަށް ޖަހައިލީ ނިޒާރުއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ.
" ނަވްޔާ....ނަސީމާ ބުނީ....." ވާހަކަ ދައްކަން ނިޒާރުއަށް އުނދަގޫވިއެވެ.
"ނަސީމާ..... އެ ދައްކަނީ ތެދު ވާހަކައެއްތަ؟"
އެ އިން ގޮތަށް އިނދެ ބޯ ޖަހައިލުމާ އެކު ނަވްޔާއަށް ރޮވިއްޖެއެވެ.
ނިޒާރުގެ މޫނުމަތީގައި މީހަކު ވިހެލިފަދައެވެ. އައި ރުޅިންނާއި ވީ ދެރައިން ދެ އަތް މުށްކެވި، ކަތުރުކަށިގަނޑަށް ވާންވިއެވެ. އަހަރުތަކެއް ކުރީގެ ހާދިސާ އަލުން އިއާދަވީއެވެ. އަލުން އެ ފަދަ ބަދުނާމަކާ ކުރިމަތިލާ ހާ ހިތްވަރެއް ނިޒާރުގެ ނެތެވެ. މަޑުވެސް ކޮށްލުމެއް ނެތި ނިޒާރު ނުކުމެގެން ދިޔައެވެ.
ނިޒާރުގެ ޚަބަރެއް ނުވެގެން ނަވްޔާ އިސް އުފުލައި ބަލައިލއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ހީކުރިގޮތާ ޚިލާފަށް ބޮޑުބެގެ ފަރާތުން ހަމްދަރުދީ ނުވަތަ ހިތްވަރުގެ ބަހެއް ވެސް ނީވުނެވެ. ކުށްވެރިއަކީ ނަވްޔާކަމަށް ބޮޑުބެ ނިންމީ ނޫންބާވައޭ ހިތަށްއަރާފައި އަނެއްކާ ވެސް ރޮވެން ފެށުނެވެ.
"ނަސީމާ، އަލުން މީހުންގެ ފުރައްސާރައާ ކުރިމަތިލާ ހާ ހިތްވަރެއް އަހަރެންގެ ނެތް. ނަސީމާ ބޭނުން ގޮތަކަށް ކަންތައް ކުރޭ. އަހަރެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ." ކޮޓަރިއަށް ގޮސްފައި ނިޒާރު ބުންޏެވެ.
ނިޒާރު ނުކުމެގެން ދިޔުމުން ނަސީމާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ނަސީމާގެ ރޭވުމާ އެއްގޮތަށް ކަންތައްތައް ކުރުމަށް ދިމާވާނެ އެންމެ ބޮޑު ހުރަސް ނައްތައިލެވުނީތީއެވެ. ދެން އޮތީ ނަވްޔާ ރުއްސުމެވެ. ނަވްޔާ ރުއްސާނެ ގޮތުގެ މަންތަރު ވެސް ނަސީމާއަށް އެނގެއެވެ.