ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މައްސަލައިގައި ޔާމީންގެ އިތުރުން، ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ހުކުމް އިއްވިއެވެ. ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.
އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ. ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ޔާމީންގެ އިސްތިއުނާފު މައްސަލައިގައި މިހާތަނަށް 10 ވަރަކަށް އަޑު އެހުން ބޭއްވިފައިވާއިރު، ކޮންމެ އަޑު އެހުމެއްވެސް ދެތިން ގަޑިއިރަށް ދިގުލައިގެން ދެއެވެ. ދިގު އަޑު އެހުންތަކަށް ފަހު އެންމެ ފަހުން މިދިޔަ ހަފްތާގައި އޮތީ ފަނޑިޔާރުންގެ ބެންޗުން މައްސަލައިގައި ހިމެނޭ ފަރާތްތަކާ ސުވާލު ކުރުމެވެ. ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލަތާއި އަދި އިސްތިއުނާފު ކުރި ފަރާތްތަކާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އަދި އެއް ފަރާތުން ދައްކާ ވާހަކައަށް އަނެއް ފަރާތުން ޖަވާބު ދިނުންވެސް އެއްމެ ފަހުން އޮތް ދެ އަޑު އެހުމުގައި އޮތެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ރިޝްވަތުގެ ގަޒިއްޔާއެއްގައި ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެއެވެ.
ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. އެހެން ނަމަވެސް އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.