
މޯލްޑިވިއަންއިން ނެރިފައިވާ ޓެރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ އެ އެއާލައިންގެ ހުރިހާ ބޯޓެއްގައި ވެސް ދަތުރުކުރާއިރު ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެކަން މަނާކުރީ ފްލައިޓްގެ ޕަސެންޖަރުންނާއި ކުރޫއާއި ބޯޓުގެ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.
އެ އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.
އައިލެންޑް އެވިއޭޝަނުން ބުނީ އާ އުސޫލުތަކުގެ ދަށުން، ކޮންމެ ފަސިންޖަރަކަށްވެސް ގެންދެވޭނީ ގިނަވެގެން ދެ ޕަވާ ބޭންކު ކަމަށާއި އަދި ޕަވާ ބޭންކްގެ ކެޕޭސިޓީ 100W އަށްވުރެ މަތިވެގެން ނުވާނެ ކަމަށެވެ. ފަސިންޖަރުން އެމީހުންގެ ޕަވާ ބޭންކް ބަހައްޓަންވާނީ އަމިއްލަ އަތުގައި، ގޮނޑީގެ ޖީބުގައި ނުވަތަ ގޮނޑީގެ ދަށުގައި ކަމަށާއި އަދި އޯވަހެޑް ބިންގައި ނުވަތަ ޗެކްކުރާ ދަބަހުގައި ޕަވާ ބޭންކް ބެހެއްޓުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މަތިންދާބޯޓުގައި ޕަވާ ބޭންކް މެދުވެރިކޮށް އެއްވެސް ޑިވައިސްއެއް ޗާޖުކުރުމާއި، ޕަވާ ބޭންކް ރީޗާޖުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލީ އެކްޓިވޭޓްވުން ހުއްޓުވުމަށްޓަކައި، ޕަވާ ބޭންކް ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި ނުވަތަ ޓާމިނަލްތައް އިންސިއުލޭޓްކޮށްފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި އުސޫލަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.