ރައީސް ޔާމީން، ދެ މައްސަލައެއްގައި 11 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުއެވެ. ޔާމީން ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މި މައްސަލައިގެ ގައި މިއަދު އޮތީ ފަހު ބަސް އިއްވުމެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ހައިކޯޓުން ނިންމާލީ މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާން ކުރުމަށް ފަހުއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޔާމީނާ، ޔުސޫފް ނައީމްގެ އަޑު އެހުންތައްވެސް މިއަދުވަނީ ނިންމާލާފައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ޖިނާއީ ދައުވާއަކީ ކުރެވޭ ސަމާސާއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެދިވަޑައިގަތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
ރައްދުގައި ދައުލަތުން ބުނީ ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތުގެ ތެރެއިން ލިބިވަޑައިގަތް ފައިސާ ކަމަށް ބުންޏަސް، އެކަންކަން ތަހުގީގު މަރުހަލާގައި ޔާމީން ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ޔާމީން ބޭނުން ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި އެހެންވެ، ޔާމީންގެ ދިފާއުއާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދިފާއީ ހެކިންގެ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.